ވެރިކަމުގައި ބައިވެރިއެއް ނުވާނަން | އެކަމަކު ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

ހަމާސް އިން ބުނަމުން ދަނީ ދެ ފަރާތް ދެމެދު އެއްބަސްވެފައިވާ ކަންތައްތަކާއި، މުއްދަތުތަކާއި، ވަގަށް ނަގާފައިވާ މީހުންގެ ލިސްޓުތަކާ ޔަހޫދީ ސައިޑުން ކުލެން ފަށައި ގަޑުބަޑު ކުރަމުންދާ ކަމަށެވެ. އަދި މެދުވެރިންގެ އެހީގައި އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުވުމަށް ވެސް ހަމާސް އިން ވަނީ ގޮވާލާފައެވެ. މި އެއްބަސްވުމަކީ ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފެށުމެއް ކަމުގައި ހަމާސްއިން ދެކެއެވެ.

ހަމާސްއިން ވަނީ ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ހަށިތައް ހަވާލުކުރުމުގައި ދިމާވާ ދަތިތަކުގެ ވާހަކަ މެދުވެރިންނަށް އަންގާފައެވެ. ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރުމަށް ތައްޔާރަށް ތިބިކަމަށާއި، ހުރިހާ ޔަހޫދީ ހަނގުރާމައިގެ އަސީރުން (ދިރިތިބި މީހުންނާއި އަދި މަރުވެފައިވާ މީހުން) އެއްފަހަރާ ދޫކޮށްލެވިދާނެ ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ މުސްތަޤުބަލާ ގުޅޭގޮތުން، ހަމާސްއިން ބުނެފައިވަނީ ޣައްޒާ ހިންގުމުގައި ބައިވެރިވުމަށް ޝައުގު ވެރިކަމެއް ނެތް ކަމަށެވެ. އަދި ހަތިޔާރު ދޫކޮށްލުމަކާ ނުލައި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މެދުވެރިންނާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. ހަމާސް އިން ބުނަނީ ހަމާސްގެ ހަތިޔާރަކީ ފަލަސްޠީނު ރައްޔިތުން ދިފާޢުކުރުމަށް ޝަރުޢީ ގޮތުން ލިބިގެންވާ މުޤައްދަސް ހައްޤެއް ކަމުގައި ދެކޭ ކަމަށެވެ.

ހަމާސްއިން ވަނީ ފަލަސްޠީނުގެ ހުރިހާ ފަރާތްތަކެއް ބައިވެރިވާ ޤައުމީ މަޝްވަރާއަށް ގޮވާލާފައެވެ. އަދި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރުމަށް އަރުވައި ޖަހައިގެން ތިބިކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އިސްރާއީލަށް ޢަމަލީ ގޮތުން ފިއްތުން ބޮޑުކޮށް، ކުރިން ހެދި ގޮތަށް އަހުދާ ޚިލާފް ވުމަށް ފުރސަތު ނުދީ އެއްބަސްވުން ތަންފީޒުކޮށް، ޖެނޮސައިޑް ހަނގުރާމަ ނިންމައި، އެހީގެ މަގުތައް ހުޅުވައި، އަލުން އާރާސްތުކޮށް ބިނާކުރުމުގެ މަސައްކަތް ފެށުމަށް ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!