އިސްމާއީލު ހަނިއްޔާ އަވަހާރަ ކުރި މީހާއާ ޤަތަރާއި ތުރުކީން ބައްދައި ސަލާން ކުރަންވީ ކީއްވެ؟

ދޯހާގައި ބޭއްވި ޑިޕްލޮމެޓިކް ބައްދަލުވުމެއްގެ ލީކްވި ފޫޓޭޖެއްގައި، ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލަޘާނީ، ވަނީ ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމުގެ އޮޕަރޭޝަން ރާވައި ހިންގި އިސްރާއީލު ޖެނެރަލް ނިޓްޒަން އަލޯންގެ އަތުގައި ހިފައި، ސަލާން ކޮށް ބަގަލްގީރު ކޮށް ބައްދާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. މި ބައްދަލުވުމުގައި ތުރުކީގެ އިންޓެލިޖެންސް ވެރިޔާ އިބްރާހިމް ކަލިންވެސް އިސްރާއީލު ވަފުދާ ބައްދަލުކޮށްފައިވެއެވެ.

މި ބައްދަލުވުން ބޭއްވީ ސެޕްޓެމްބަރ 9 ވަނަ ދުވަހު ދޯހާގެ އަލްޤްޠައިފިއްޔާ ސަރަހައްދުގައި ހަމާސްގެ ވަފުދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި 6 މެންބަރުން ޝަހީދުވިތާ އެއްމަސް ފަހުންނެވެ.

ހަމާސްގެ ސިޔާސީ ލީޑަރޝިޕް ގެ މަހުމާންދާރީ އަދާކުރާ އަދި އެމެރިކާގެ މެދުވެރިކަމާއެކު ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް ކުރިއަށްގެންދާ ޤަތަރުން، އިސްރާއީލުގެ މި ހަމަލާއަށް "ދައުލަތުގެ ޓެރަރިޒަމް" ގެ ގޮތުގައި ކުށްވެރިކޮށްފައިވީ ނަމަވެސް، މި ވީޑިއޯއިން ދައްކައި ދެނީދެ ފަރާތުގެ ސިއްރު މޝްވަރާތައް އަލުން ފެށިފައިވާކަމެވެ. މި ބައްދަލުވުމާ ގުޅިގެން ފަލިސްޠީނަށް ތާއީދުކުރާ ފަރާތްތަކުން ޤަތަރު އަދި ތުރުކީއަށް ފާޑުކިޔައި، އެއީ "ހަމާސްގެ އިތުބާރު ގެއްލިފައިވާ" އަދި "ޖެނޮސައިޑްގައި ބައިވެރިވާ" ފަރާތްތަކެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!