އެމެރިކާގެ ރައީސް ޓްރަމްޕްގެ ސުލްހައިގެ ޕްލޭންގައި ހިމެނޭ ހަމާސްގެ ހަތިޔާރު ބެހެއްޓުމަކީ މަޝްވަރާކުރެވޭނެ ކަމެއް ނޫން ކަމަށް ހަމާސް އިސްވެރިން ވިދާޅުވެއެވެ. އަދި އިސްރާއީލުގެ މުހައްލިލުންވެސް ދެކޭގޮތުގައި ހަމާސް އަކީ ޣައްޒާއިން ފޮހެވިގެންދާނެ ބަޔެއް ނޫނެވެ.
ހަމާސްގެ ކަންތައްތަކުގެ ތަޖުރިބާކާރު މުހައްލިލު އީޔަލް އޯފަރް ބުނަނީ ހަމާސް ދެމިއޮތުން ބިނާވެފައިވަނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ ސިޔާސީ ގޮތުން ފަލަސްތީނުގެ ޤައުމީ އޮނިގަނޑެއް އުފެއްދުމާއި، އިންތިޚާބުތަކުން ފަލަސްތީން ސަރުކާރުގެ ބާރު ހޯދުމާއި، އަދި ހަތިޔާރުގެ ގޮތުން ހަމާސްގެ ބާރުތައް ފަލަސްތީނު ޤައުމީ ބާރުތަކުގެ ތެރެއަށް ވެއްދުމުންނެވެ.
ޔަދީއޯތް އަހްރޯނޯތްގެ މުހައްލިލެއް ކަމަށްވާ ނާދަވް އީޔަލް ބުނަނީ ޓްރަމްޕްގެ ޕްލޭނަކީ އިސްރާއީލަށް ކާމިޔާބީއެއް ކަމަށެވެ. އެއީ އޭގެ ފުރަތަމަ މަރުހަލާގައި ހަމާސް ގެންގުޅޭ ހަނގުރާމައިގެ އަސީރުން ދޫވާތިއެވެ. އަދި މިހާރުގެ ހާލަތުގައި ހަމާސްގެ ހަތިޔާރު އަތުލުމަކީ ވަރަށް އުނދަގޫ، އަދި ނުކުރެވޭނެ ކަމެއް ކަމަށް އޭނާ ދެކެއެވެ.






