މިސްރުގައި ބާއްވާ ޖެނޮސައިޑް ހުއްޓާލާ އެއްބަސްވުމުގައި ސޮއިކުރުމުގައި ހަމާސްއިން ބައިވެރިއެއް ނުވާނެ

ޣައްޒާގެ ޖެނޮސަައިދް ހަނގުރާމަ ނިންމުމަށް މިސުރުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގައި ހަމާސް ޖަމާއަތުން ބައިވެރިއެއް ނުވާނެކަމަށް އެޖަމާއަތުގެ އިސް ފަރާތަކުން ބުނެފިއެވެ. ހަމާސްގެ ސިޔާސީ އޮފީހުގެ އިސްވެރިއެއް ކަމަށްވާ ހުސާމް ބަދުރާން ވިދާޅުވި ގޮތުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނީ ހަމައެކަނި މެދުވެރިންނާއި އެމެރިކާ އަދި އިސްރާއީލުގެ އިސްވެރިންނެވެ.

ހަމާސްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ސުލްހައިގެ ޕްލޭންގައި ހިމެނޭ ހަމާސްގެ ހަތިޔާރު ބެހެއްޓުމުގެ ކަންކަމަކީ މަޝްވަރާއަށް ހުށަހެޅިފައިވާ ކަންކަމެއް ނޫނެވެ. މި ބަޔާންތައް އައިސްފައިވަނީ އިސްރާއީލުގެ ޖެނޮސައިޑް ހުއްޓާލުމުގެ ދެވަނަ ދުވަހުގައެވެ.

ބުރާސްފަތި ދުވަހު ޝަރަމުއް ޝައިޚުގައި ސޮއިކުރެވުނު އެއްބަސްވުމުގައި ހިމެނެނީ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމާއި، އިސްރާއީލުން ވަގަށް ނަގާފައިވާ ފަލަސްތީނު މީހުންނާއި ހަމާސްގެ މެހުމާންދާރީގައި ތިބި ޔަހޫދީ ހަނގުރާމައިގެ އަސީރުން ބަދަލު ކުރުމުގެ ވާހަކައެވެ. ނަމަވެސް ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭންގައި ހިމެނޭ ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި ޓްރަމްޕް ބޮޑުމީހަކަށް ހުރެގެން ބައިނަލްއަޤްވާމީ އިންތިޤާލީ އިދާރާއަކުން ޣައްޒާ ހިންގުން ފަދަ ކަންކަމެއް މި އެއްބަސްވުމުގައި ނުހިމެނެއެވެ.

ޓްރަމްޕްގެ ޕްލޭންގައި ހަތިޔާރު ބެހެއްޓުމާއި ހަމާސްގެ މެންބަރުންނަށް މަޢާފުދީ އެމީހުން ޣައްޒާއިން އަރުވާލުމާއި ސިޔާސީ ހިމާޔަތަށް ވަޒަނުން ބޭރުކޮށްލުން ހިމެނެއެވެ. މިކަންކަމަކީ ހަމާސްއާއި ފަލސްޠީނުގެ މިނިވަންްކަމަށް މަސައްކަތް ކުރާ އިޚުލާސްތެރިންނަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

ހިއްސާ ކުރައްވާ!