އަދިވެސް ހަނގުރާމަ ކުރަން ޖެހިއްޖެނަމަ ހަނގުރާމަ ކުރާނަން: ހަމާސް

ހަމާސްގެ ސިޔާސީ ބިއުރޯގެ މެމްބަރު ހުސާމް ބަދްރާން ވިދާޅުވަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ސުލްހައިގެ ޕްލޭންގެ ދަށުން ހަމާސް ޣައްޒާއިން ބޭރު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލައިނުގަންނަ ކަމަށެވެ. އަދި ހަނގުރާމަ އަލުން ފެށިއްޖެނަމަ ކުރިމަތިލުމަށް ތައްޔާރަށް ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމާސްގެ ހަތިޔާރުތަކަކީ މުޅި ފަލަސްތީނު ރައްޔިތުންގެ ދިފާއީ ހަތިޔާރު ކަމަށާއި، އެއީ އެބައިމީހުންގެ ތާރީޚާއި، މިހާރާއި، މުސްތަޤުބަލުގެ ޝަޚުސިއްޔަތުގެ ބައެއްކަމަށް ބަދްރާން ވިދާޅުވިއެވެ. އަދި ޖެނޮސައިޑް ޔަހޫދީ އިޒްރޭލުގެ އިސްތިއުމާރުގެ  ދަށުގައިވާ ބަޔަކަށް މިފަދަ ދިފާއަކީ ޠަބީޢީ ގޮތުން ވެސް ލިބެން ޖެހޭ ބާރެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހަނގުރާމަ އަލުން ފެށުމަކީ ހަމާސްއިން އެދޭކަމެއް ނޫންކަމަށް ވިދާޅުވި އެވެ. ނަމަވެސް، އިޒްރޭލުން އިސްވެ އަލުން ޖެނޮސައިޑް ފަށައިފިނަމަ ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްޠިނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ބާރުތަކުން އެމީހުންގެ އަތުގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެ އަނިޔާވެރިކަމާ ކުރިމަތިލާނެކަމުގެ ޔަގީންކަން ބަދްރާން ދެއްވިއެވެ. މީގެ ކުރިން ހިނގި ހަނގުރާމައިގައި ޤައްސާމް ބްރިގޭޑްސްއާއި އެހެނިހެން ބާރުތަކުން ދެއްކި ސާބިތުކަމާއި ކެތްތެރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!