ޔަހޫދީން ވަގަށް ނަގައި ރަހީނުކޮށްފައިވާ 22 ކުޑަކުދިންވެސް މިނިވަންވާނެ

ޔަހޫދީން ވަގަށް ނަގާފައިވާ 11 ހޖާސް ފަލަސްޠީނު މީހުންގެ ތެރެއިން 2 ހާހެއްހައި މީހުން އަސީރުން ބަދަލު ކުރުމުގެ ތެރޭގައި މިނިވަންވާނެ ކަމަށް ބެލެވެއެވެ.

އިސްރާއީލުގެ ޖަސްޓިސް މިނިސްޓްރީން ވަނީ ވަގަށް ނަގާފައިވާ މީހުންގެ ތެރެއިން ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކޮށްގެން އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ 250 މީހުންގެ ލިސްޓެއް އާންމުކޮށްފަ އެވެ.

އަޤްޞާ ޠޫފާނުގައި ޔަހޫދީން ވަގަށް ނަގާފައިވާ 22 ކުޑަކުދިންނާއި ދައުވާއެއް ނެތި ބަންދުކޮށްފައި ތިބި 1700 މީހަކުވެސް މިނިވަންވާނެ ކަމަށް ބެލެވެއެވެ.

ޔަހޫދީން ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުން މިނިވަންކޮށްލާނީ، ހަމާސްގެ މެހުމާންދާރީގައި ތިބި ޔަހޫދީ ހަނގުރާމައިގެ އަސީރުން ބަދަލު ކުރުމަށް ފަހުއެވެ.

ޔަހޫދީން ދަނީ ވަގަށް ނަގާފައިވާ ފަލަސްޠީނުގެ ބައެއް ލީޑަރުން މިނިވަން ކުރުމަށް ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި މުއްދަތު ހަމަވެފައިވާ މަހުމޫދު އައްބާސްގެ ބަދަލުގައި ފަލަސްޠީނު ގެ ސަރުކާރާ ހަވާލުވާނެ ކަމަށް ބެލެވޭ މަރުވާން ބަރުޣޫޘީއާއި ޕޮޕިއުލާ ފްރޮންޓް ފޯރ ދަ ލިބަރޭޝަން އޮފް ޕަލެސްޓައިންގެ އަހުމަދު ސާދާތާއި ހަމާސްގެ ކޮމާންޑަރުން ކަމަށްވާ އައްބާސް އައްސައްޔިދުއާއި ހަސަން ސަލާމާ ހިމެނެއެވެ.

އޭގެ އިތުރުން ޔަހުދީން ވަނީ ވަގަށް ނަގާފައިވާ މުހިންމު ދެ ޑޮކްޓަރުން ކަމަށްވާ ހުސާމް އަބޫ ސަފިއްޔާއާއި ޑރ. ޔޫސުފް އައްނައްޖާރު މިނިވަން ކުރުމަށްވެސް ދެކޮޅު ހަދަމުންނެވެ.

ހިއްސާ ކުރައްވާ!