ސަރައޭވޯގައި 6 ހާސް މީހުން ފަލަސްޠީނަށް ތާއީދުކޮށް މުޒާހަރާ ކޮށްފި

"ބޮސްނިއާ އެންޑް ހަރްޒެގޮވިނާ ފޯ އަ ފްރީ ފަލަސްތީން" ގެ ޝިއާރުގެ ދަށުން އާދީއްތަ ދުވަހު ވެރިރަށް ސަރައޭވޯގައި ބޮސްނިއާގެ 6،000 އަށް ވުރެ ގިނަ މީހުން މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ (1992-1995) ގެ ހަނގުރާމައިގައި ސަރައޭވޯގެ ހިސާރަކުރުން ދައްކަދޭ ހަނދާނީ ބިނާކައިރިން މުޒާހަރާ ފަށާފައެވެ. އަދި ދައުލަތުގެ ރަސްމީ އިމާރާތްތައް ކަމަށްވާ ރައީސް އޮފީހާއި ޕާލަމެންޓް ކައިރިން ގޮސް މުޒާހަރާ ނިންމާލީ މިއުޒިއަމް ކައިރީގައިޥާ ޕާކަކަށެވެ.

ބައިވރިން ވަނީ ފަލަސްތީނަށް ޚާއްސަ ލަވަތައް ކިޔައި ހަދާފައެވެ. އަދި އެމީހުން ގޮވާލާފައި ވަނީ ބޮސްނިއާއަކީ ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ޝިކާރައަކަށްވެފައިވާ ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކޮށް އިންސާނީ ހައްގުތަކުގެ އަގުތައް ދިފާއުކުރުމުގެ ހާއްސަ ޒިންމާއެއް އޮތް ގައުމަކަށް ވާތީ ޔަހޫދީ ޖެނޮސައިޑް ދައުލަތާ ގުޅުން ކަނޑާލާށެވެ.

މި މުޒާހަރާގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި މަސައްކަތްތެރިންނާއި ނޫސްވެރިން ބައިވެރިވިއެވެ. އަދި، "ޣައްޒާގައި ނަސްލު ނައްތާލުން ހުއްޓުވާ"، "ފަލަސްތީން މިނިވަން ކުރޭ"، "ކުޑަކުދިން މަރާލުން ހުއްޓާލާ"، "ފަލަސްތީން، ތިބާ އޮތީ އެކަންޏެއް ނޫން" އަދި "ކޯރުން ފެށިގެން މެޑިޓެރޭނިއަން ކަނޑާ ހަމައަށް.. ފަލަސްތީން މިނިވަންވާނެ" ފަދަ ބެނާތައް މުޒާހަރާގައި ބޭނުން ކޮށްފައި ވެއެވެ. 

ހިއްސާ ކުރައްވާ!