ހުޅަނގު އައްސޭރީގެ އުތުރުގެ ޖެނިން ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ ސާޖިދާ ޖަމާލް އަބުލްހައިޖާ އަކީ މިހާރު އުމުރުން 28 އަހަރުގެ ޒުޥާން އަންހެނެކެވެ. ވޭތިވެ ދިޔަ 23 އަހަރު އޭނާއަށް އޭނާގެ ބައްޕަ ފެނިފައި ވަނީ ޖަލުގެ ބައްދަލު ކުރާ ކޮޓަރީގެ ބިއްލޫރީގެ އަނެއް ފަރާތުންނެވެ. އެންމެ ފަހުން އޭނާއަށް އޭނާގެ ބައްޕަ ފެނިފައި ވަނީ މީގެ 5 އަހަރު ކުރިންނެވެ.
ސާޖިދާ އޭނާގެ ބައްޕަގެ ހަނދާންތައް އައު ކުރަނީ ރެފިއުޖީ ކޭމްޕްގައި ޔަހުދީން ވީރާނާކޮށްފައިވާ ގޭގެ ސިޓީން ރޫމުގައި ބަހައްޓާފައިޥާ ބައްޕަގެ ބޮޑު ފޮޓޯއިންނެވެ.
ޖަމާލު އަބުލްހައިޖާއަކީ، ޔަހޫދީން ހިފާފައިވާ ހައިފާގެ މީހެކެވެ. ޔަހޫދީ ނަސްލު ސާފުކޮށްލުމުގެ ހަމަލައެއްގައި އޭނާގެ އާއިލީ ވިއްލާ ފޭރިގަނެ، އޭނާގެ ޚާންދާން އެއްކޮށް ރެފިއުޖީންގެ ގޮތުގައި ބިކަކޮށް ހުޅަނގު އައްސޭރިއަށް ބޭރުކޮށްލީއެވެ. އެއަށްފަހު 1948ގެ ޖެނޮސައިޑަށް ފަހު 1952ގައި އޭނާ އުފަންވީ ޖެނިން ރެފިއުޖީ ކޭމްޕްގައި އެވެ.
ޖަމާލު އަބުލްހައިޖާއަކީ ޔަހޫދީންގެ އަނިޔާތަކާއި ޖަލުތަކަށް ފަރިތަ ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދެކެވެ.
ދެވަނަ ފަލަސްތީނުގެ އިންތިފާޟާ (2000-2005) ގައި އަދި 2002 ވަނަ އަހަރު ޖެނިންއަށް ޔަހޫދީ ސިފައިން ޖެނިންއަށް ހަމަލަ ދިން ދުވަސްވަރު އޭނާއަކީ އެ ހިސާބުގައި ހަމާސްގެ އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްގެ ކޮމާންޑަރެވެ.
ޔަހޫދީން ވަނީ ޖަމާލުއަށް އުމުރަށް ޖަލަށް ލުމުގެ ނުވަ ޖަލު ހުކުމެއް ކޮށްފައެވެ. އޭނާ ދަނީ އެ ހުކުމް ތަންފިޒު ކުރަމުންނެވެ.
ޖަމާލަކީ އަރަބި ބަހުގެ އުސްތާޒެކެވެ. ޑިގްރީ ފުރިހަމަ ކުރުމަށްފަހު ޔަމަނާއި ސައޫދީގައި ކިޔަވައިދޭން އުޅުނެވެ. ފަހުން ޖެނިންއަށް އެނބުރި އައި ކިޔަވައި ދިނުމާއި ޖީލެއް ތަރުބިއްޔަތު ކުރުމުގައި އޭނާ ހޭދަ ކުރިއެވެ.
ޤައްސާމްގެ މި ލީޑަރަކީ ޝަހީދެއްގެ ބައްޕައެކެވެ. އަދި އޭނާގެ ދެ އަންހެން ކުދިން ތިބޭއިރު ސާޖިދާގެ ދައްތައަކީ ޔަހޫދީން ވަރަށް ނަގައިގެން ޖަލަށް ލާފައިވާ ރަހީނެކެވެ.
ޖަމާލުގެ 4 ފިރިހެން ކުދިންގެ ތެރޭން އެކަކު ޝަހީދު ވެފައިވާއިރު، ދެ ކުދިން ވަގަށް ނަގައިގެން ތޔަހޫދީން ވަނީ ޖަލުގައި ރަހީނު ކޮށްފައެވެ. އައްބާސްގެ ފުލުހުން ވަނީ އެކަކު ރަހީނުކޮށްފައެވެ.
ޖަމާލުގެ ޝަހީދުވެފައިވާ ދަރިފުޅު ހަމްޒާ ޝަހީދުވީ އުމުރުން 21 އަހަރުގައި 2014 ވަނަ އަހަރު އެވެ. އޭނާގެ ހަނދާން ޖެނިން ރެފިއުޖީ ކޭމްޕްގައި ދަމަހައްޓާފައި ވަނީ އޭނާގެ ނަމުން އެތައް ކުދިންނަށް ނަން ދިނުމުންނެވެ.
ޖަމާލަކީ ޔަހުދީން އޭނާގެ ޝަޚުސިއްޔަތު ދެކެ ޖެހިލުންވާ މީހެކެވެ. ޖަލުގައިވެސް ޔަހޫދީ ޖައްލާދުން އޭނާއަށް އިޙުތިރާމް ކުރެއެވެ. އޭނާއާ ވަކީލުންނާ ބައްދަލު ކުރަންވެސް ޔަހޫދީންގެ ސަރުކާރުން ފުރުސަތެއް ނުދެއެވެ.
ޔަހޫދީން ދެކެނީ ޖަމާލު މިނިވަން ކޮށްފިނަމަ އަނެއްކާވެސް ފަލަސްޠިނުގެ މިނިވަންކަމުގެ ހަރަކާތް އާލާވެދާނެ ކަމަށެވެ.
ސާޖިދާ ބުނަނީ އަދިވެސް މީގެ 23 އަހަރު ކުރިން ޔަހޫދީ ސިފައިން އައިސް ދަންވަރު ގެއަށް ވަދެ ބައްޕަ ހޯދަން ވެގެން ހަޅޭއް ލަވައި ހެދި ދުވަހުގެ މަންޒަރު ހަނދާނުގައި ބިންވަޅު ނެގިފައިވާ ކަމަށެވެ.
މިހާރުވެސް ޖަމާލަކީ ޖެނިންގެ ރެފިއުޖީ ކެޕްމްގައި އެންމެ މަގްބޫލު އެއް ޝަޚުސިއްޔަތެވެ. އޭނާއަކީ ޖަލުގައިވެސް ފަލަސްތީނުގެ ގައިދީންގެ ހަރަކާތުގެ ރަމްޒެކެވެ. އަހަރުތަކެއް ވަންދެން ބަންދުކޮށްފައި ހުރިއިރުވެސް އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.
އޭނާގެ އެކުވެރި ގައިދީ ރަބީޢުލް ބަރްޣޫތީ ސިފަކުރި ގޮތުގައި އޭނާއަކީ "ހައްދެއް ނެތް މިންވަރަށް ކެތްތެރި މީހެއް" އެވެ.
ސާޖހިދާ ކިޔައިދިން ގޮތުގައި ޖަލުންވެސް ޖަމާލު ވަނީ ކުދިންގެ ކިޔެވުމުގެ ކަންކަމާއި ތަރުބިއްޔަތާ މެދު އަޅާލައި ހަދާފައެވެ. އަދި އޭނާ ބުނާ ގޮތުންނަމަ އެކުގައި ބޮޑުވާ ކުދިންނަށް ވުރެން މާފުރިހަމައަށް އޭނާގެ ބައްޕަ އޭނާގެ ކުދިންނަށް ދުރުގައި ހުރެގެންވެސް ތަރުބިއްޔަތު ދީފައި ވާނެއެވެ.

އެހެން ގައިދީން ޖަލުގައި ޖަމާލު ދެކެނީ ބަފައެއއްގެ ގޮތުގައެވެ. ދުވަހަކުވެސް މީހަކަށް ފުރައްސާރަކޮށް ނުވަތަ ކލުދައި މީސްބަހެއް ބުނެފައި ނުވާކަމަށް އޭނާގެ އެކުވެރިން ބުނެއެވެ. އޭނާ އަކީ ސާބިތުކަމުގެ ނަމޫނާއެއް ކަމަށާއި، ޖަލުގައި އޭނާ ހުރުމުން ފަލަސްޠީނު ޒުވާނުންގެ ހިތްވަރު އިތުރުވެގެން ދާކަމަށް ބުނެއެވެ.
ޔަހުދީން ރަހީނުން މިނިވަން ކުރިއިރު މިފަހަރުވެސް ޖަމާލު މިނިވަން ކުރަން ދެކޮޅު ހަދާފައި ވެއެވެ. ޔަހޫދީން ދެކެނީ އޭނާއަކީ ބިރުވެރި މީހެއްގެ ގތުގައެވެ. ޖަމާލަކީ އެންމެ މީހެއް ނޫނެވެ. އޭނާއަކީ ޖީލެއްކަމަށް ޔަހޫދީން ބުނެއެވެ.
ޔަހުދީން އަސީރުން މިނިވަން ކުރަން ވާހަކަ ދައްކާއިރު އަބަދުވެސް ފަލަސްޠީނުގެ މިނިވަންކަމުގެ އަބްޠާލުން ކަމަށްވާ ޖަމާލު އަބުލްހައިޖާ އާއި އައްބާސް އައްސައްޔިދު، އަދި މަރްވާން ބަރްޣޫތީ، ހަސަން ސަލާމާ، އަހުމަދު ސާދާތު، އިބްރާހިމް ހަމީދު، އަދި މުއައްމަރު ޝަހުރޫރު ފަދަ ރަހީނުންގެ ވާހަކަ ދައްކައެވެ. ނަމަވެސް ލިސްޓުގައި އެމީހުްނގެ ނަން ހިމަނަން ޔަހޫދީން ބޭނުމެއް ނުވެއެވެ.
ޔަހޫދީން ބުނަނީ އެމީހުން ދޫކޮށްލައިފިނަމަ "ނުފޫޒުގަދަ އަދި ޔަހޫދީންނާ ދެކޮޅުވެރިކަމުގެ އިންތިޒާމީ ވިއުގަ އަލުން ބިނާކުރުމުގެ ގާބިލްކަން" ފަލަސްޠީނު މީހުންނަށް ލިބިގެންދާނެ ކަމަށެވެ.






