ޣައްޒާގެ ޖެނޮސައިޑަށް ފަހު ހުޅަނގު އައްސޭރީގައި ޖެނޮސައިޑެއް ފަށަން އުޅޭހެން ހީވެއެވެ. ޔަހޫދީން ވަގަށް ނަގައިގެން ގެންގުޅުނު ރަހީނުން ދޫކޮށްލުމުން ފަލަސްޠިނު މީހުން އުފާފާޅު ކުރަމުން ދިއުމުން ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަނީ ހުޅަނގު އައްސޭރީގެ ގެތަކަށް ރެއިޑްކޮށް ދަންވަރު މީހުންނަށް ހަމަލަ ދީ ތަންތަނާއި ތަކެތި ހަލާކުކޮށްފައެވެ.
ފަލަސްތީނުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނާބުލުސް ޔުނިވާސިޓީ ސްޓްރީޓްގެ އިތުރުން ސިޓީގެ އިރުމަތީގައި އޮންނަ އަސްކަރު އަލްޖަދީދު ރެފިއުޖީ ކޭމްޕާއި ބަލާޠާ ރެފިއުޖީ ކޭމްޕަށް ވެސް ޖެނޮސައިޑް ފޯސްއިން ވަދެފައި ތަންތަން ހަލާކުކޮށްފައި ވެއެވެ.
އަދި ޖެނޮސައިޑް ފޯސްއިން ވަނީ ޠޫބާސް ސިޓީ އާއި އޭގެ ދެކުނުން އޮންނަ ތަމްމޫން ޓައުން އަށް ވެސް ހަމަލަ ދީފައެވެ. ފަލަސްތީނުގެ މީޑިއާއިން ވަނީ ޖެނޮސައިޑް ފޯސްގެ ހަމަލަތަކުގެ ފޮޓޯތައްވެސް ގެނަސްދީފައެވެ.
ޤަލްޤީލިޔާ ސިޓީއަށް ވެސް ޖެނޮސައިޑް ފޯސްއިން ހަމަލަދީފައި ވެއެވެ.
ފަލަސްތީނުގެ ނިއުސް އެޖެންސީ (ވާފާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނޮސައިޑް ފޮސްގެ އަސްކަރީ އުޅަނދުތަކުން ސިޓީ ސެންޓަރާއި ޝަރީމް އަވަށާއި ހުޅަނގު ސަރަހައްދުގެ ބާޒާރު ސަރަހައްދަށް ވަދެ ތަންތަނާއި ތަކެތި ހަލާކުކޮށްފައި ވެއެވެ.
މި ހަމަލަތތައް ދީފައި ވަނީ ޔަހޫދީން ވަގަށް ނަގައިގެން ގެންގުޅުނު ރަހީނުންތައް ހަމާސްއިން ބާރުއަޅައިގެން މިނިވަން ކުރެވުމުން އެކަމުގެ އުފަލުގައި މީހުން ބާއްވަމުން ދިޔަ އިހުތިފާތުތައް ހުއްޓުވާށެވެ. ޖެނޮސައިޑް ފޯސްއިން ވަނީ ދޫކޮށްލާފައިވާ ގިނަ ރަހީނުންގެ ގެތަކަށް ވަދެ އުފާފާޅުކުރުމުގެ އެއްވެސް ކަމެއް ފެންނަ ނަމަ ތަކެތި ހަލާކުކޮށް އާއިލާތަކަށް އިންޒާރުދީފަ އެވެ.






