އިސްރާއީލްގެ ޖެނޮސައިޑް ބޮޑުވަޒީރު ނަތަންޔާހޫ އިސްރާއީލަށް ތާއީދުކުރާ މިސްމީޑިއާގެ އިންފްލުއެންސަރުންނާއެކު އެމެރިކާގައި ބޭއްވި ސިއްރު ބައްދަލުވުމެއްގެ މަޢުލޫމާތު ހާމަވެއްޖެއެވެ. މި ބައްދަލުވުމަކީ ޣައްޒާގައި ހިންގާ ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން އިސްރާއީލްގެ މަގުބޫލުކަން ދުނިޔޭގެ މީހުންގެ މެދުގފައި ގެއްލެމުންދާތީ، އެކަން ރަނގަޅުކުރުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އިންފްލުއެންސަރުންގެ ތެރޭގައި ޔަހޫދީންގެ ޖަރީމާތަކަށް ސަޕޯޓު ކުރާ ލިޒީ ސަވެޓްސްކީ، މިރިއަމް އެޒަގުއި އަދި ޒަކް ސޭޖް ފޮކްސް ފަދަ މަޝްހޫރު އިންފުލުއެންސަރުން ހިމެނެއެވެ. މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި މި އިންފްލުއެންސަރުންގެ ކޮންމެ ޕޯސްޓަކަށް ޖެނޮސައިޑް ސަރުކާރުން 7،000 ޑޮލަރު ދިން ކަމަށް ވެއެވެ.
ޖެނޮސައިޑް ހިންގާ ނަތަންޔާހޫގެ ދަރިފުޅު ޔައިރު ނެތަންޔާހޫ ވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ. އޭނާއަކީ ޣައްޒާގައި މީހުން ބަނޑަށް ޖެއްސިކަމާ ދެކޮޅަށް ބުނާ ވާހަކަތަކާ ދެކޮޅު ހަދައި ކުޑަކުދިންގެ ނިކަމެތި ހާލަތު ފަލަސްތީނުގެ ޖެނެޓިކް މައްސަލަތަކާ ގުޅުވައިގެން ވާހަކަދެއްކި ފަރާތެކެވެ.
މި ބައްދަލުވުމުގައި ނަތަންޔާހޫ ވަނީ ސޯޝަލް މީޑިއާއަކީ މިހާރުގެ އެންމެ މުހިންމު ހަތިޔާރު ކަމަށާއި، ޓިކްޓޮކްގައި އިސްރާއީލްގެ ނުފޫޒު އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. މީޑިއާ ތަޖުރިބާކާރުން މިކަން ފާހަގަކޮށްފައިވަނީ އިސްރާއީލްގެ އިމޭޖް ރަނގަޅުކުރުމަށް ކުރެވޭ ނާކާމިޔާބު މަސައްކަތެއްގެ ގޮތުގައެވެ.




