އަފްޣާން ސަލާމަތީ ބާރުތަކުން ހާމަކުރި ގޮތުގައި، ޕާކިސްތާނުގެ ޑްރޯނެއް އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދު ހުރަސްކުރުމާ ގުޅިގެން އަފްޣާން ބާރުތަކުން ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފިއެވެ.
އަފްޣާން ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އެމީހުންގެ ސަރަހައްދަށް އަރައިގަތުމާއި ވައިގެ ސަރަހައްދު ހުރަސްކުރުން ގަބޫލު ނުކުރާނެ ކަމަށާއި، ކޮންމެ އަގެއް ދައްކަން ޖެހުނު ނަމަވެސް މިފަދަ ކަންކަމަށް ރައްދު ދޭނެ ކަމަށެވެ. އަދި ހޯސްޓް ސަރަހައްދުގައި ޕާކިސްތާނުން ދޭން އުޅުނު ހަމަލާއެއް ނަކާމިޔާބުކޮށްފައިވާ ކަމަށާއި، އަފްޣާނިސްތާނަށް ހަމަލާދިނުމަށް ޕާކިސްތާނުން ކުރަމުންދާ ތައްޔާރީތައް މޮނިޓާ ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ ދެ ދުވަސް ކުރިން، ދެ ގައުމުގެ ބޯޑަރުގައި ޕާކިސްތާނުގެ ސިފައިންނާއި އަފްޣާން ޠާލިބާން ހަނގުރާމަވެރިންނާ ދެމެދު ހަތިޔާރު ބޭނުންކޮށްގެން ހަމަލާތައް ބަދަލުކޮށްފައި ވެއެވެ. މި ހަނގުރާމަ ފެށުނީ ބުރާސްފަތި ދުވަހު ކާބުލް އަދި ޕަކްޓިކާ އަށް ޕާކިސްތާނުން ދިން ކަމަށް ބެލެވޭ ވައިގެ ހަމަލާތަކަކާ ގުޅިގެން އަފްޣާނިސްތާނުން ރައްދު ދިނުމަށް ފަހުގައެވެ. ނަމަވެސް މި ހަމަލާތައް ދިން ކަމަށް ޕާކިސްތާނުން ރަސްމީކޮށް އަދި އެއްބަހެއް ނުވެއެވެ.




