ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދު ކަމުގައިވާ ޑިއުރަންޑް ލައިންގައި 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވެއްޖެއެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ނުރައްކާތެރި ހާލަތެއްގައެވެ. މިކަން މިހާބޮޑަށް ގޯސްވީ ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާގައި 15 އާންމު ރައްޔިތުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެންނެވެ.
މިކަމަށް ރައްދެއްގެ ގޮތުން ޠާލިބާނުންގެ ހަމަލާއާ ގުޅިގެން ޕާކިސްތާނު ސިފައިން ދޫކޮށްލާފައި ދިޔަ ނަންގަރަހާރު ސަރަހައްދުގެ އަސްކަރީ މަރުކަޒުތަކުން ލިބުނު ޔުނިފޯމްތަކާއި ހަތިޔާރުތައް ޠާލިބާނުން ވަނީ އާންމުކޮށް ދައްކާފައެވެ. މި ހަނގުރާމައިގައި ޕާކިސްތާނުން ބުނާ ގޮތުން 200 އަށްވުރެ ގިނަ ޠާލިބާނުން މަރުވެފައިވާނެއެވެ. އަދި އަފްޣާނިސްތާނުން ބުނާ ގޮތުން ޕާކިސްތާނުގެ 58 ސިފައިން ވަނީ މަރުވެފައެވެ.
މި ހަނގުރާމަ ފެށުނީ ޠާލިބާނުންގެ ބޮޑުވަޒީރު އަމީރު ޚާން މުއްތަގީ އިންޑިއާއަށް ޒިޔާރަތްކުރައްވަމުން ގެންދަވަނިކޮށް، ޕާކިސްތާނުން ކާބުލްގައި ހުރި ތަހުރީކޭ ތާލިބާނޭ ޕާކިސްތާންގެ ކޭމްޕްތަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. މިހާރު ޕާކިސްތާނުން ވަނީ ޤަޠަރާއި ސައޫދީ އަރަބިއްޔާގެ އެހީތެރިކަމާއެކު މި މައްސަލަ ހައްލުކުރުމަށް އެދިފައެވެ.
އިސްތިއުމާރުގެ ޒަމާނުގައި އިނގިރޭސިން ކަނޑައަޅާފައިވާ ޑިއުރަންޑް ލައިންއަކީ ޕަޝްތޫން ދަރިކޮޅުގެ މުޖުތަމައުތައް ބައިބައިކޮށްފައިވާ ބޯޑަރެއް ކަމުން، މިއީ އަބަދުވެސް ދެ ގައުމުގެ ދެމެދުގައި ޚިލާފު އުފެދޭ މައްސަލައެކެވެ. މި ހާދިސާއާ ގުޅިގެން އަފްޣާނިސްތާނުގެ ރައްޔިތުން ވަނީ ޠާލިބާނުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.






