ޕާކިސްތާނުން އަފްޣާނިސްތާނަށް ދީފައިވާ ސިލްސިލާ ހަމަލަތަކަށް ފަހު ސުލްހަިއގެ މަޝްވަރާތަކަށް ތާލިބާންގެ މަސްއޫލުވެރިން ދޯޙާއަށް ވަޑައިގެންފިއެވެ. ދެ ގައުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރަށް ދަމާލުމަށްފަހުވެސް ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް ބޮން އަޅާފައެވެ. އެއަށްފަހު، މިއަދު ހޮނިހިރު ދުވަހު ދޯހާގައި ސުލްހަ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ.
ދޯހާގައި ބޭއްވޭ މަޝްވަރާތަކުގެ މުއްދަތަށް 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ. މިއީ 2021 ވަނަ އަހަރު ޠާލިބާން ވެރިކަމަށް އައި ފަހުން ދެ ގައުމުގެ މެދުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ. މި ހަނގުރާމާގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ސަތޭކަ އަކަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އަފްޣާނިސްތާނުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނީ ދިފާއީ ވަޒީރު މުއްލާ މުޙައްމަދު ޔަޢުޤޫބުއާއި ދިފާއީ ވަފްދެކެވެ. މުއްލާ ޔަޢުޤޫބަކީ ޠާލިބާންގެ ލީޑަރު، މަރުޙޫމު މުއްލާ ޢުމަރުގެ ދަރިފުޅެވެ. އަދި ޕާކިސްތާނުގެ ފަރާތުން ބައިވެރި ވެވަޑައިގަންނަވާނީ ދިފާއީ ވަޒީރު ޚަވާޖާ މުޙައްމަދު އާޞިފް އާއި އިންޓެލިޖެންސް ޑައިރެކްޓަރ ލެފްޓިނަންޓް ޖެނެރަލް އާޞިމް މާލިކްގެ މައްޗަށް އެކުލެވޭ ވަފުދެކެވެ.
މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ޕާކިސްތާނުން ދޭ ހަމަލަތައް ހުއްޓާލުމަށާއި ޕާކިސްތާނުން ޓެރަރިޒަމާ ގުޅިގެން ކުރާ ތުހުމަތުތައް ސާފުކޮށްދީ ބޯޑަރުގައި އަމާން އަމަން ޤާއިމްކުރުމެވެ.





