ހަމަލަ ނުދިނުމަށް ވެފައިޥާ އެއްބަސްވުމަށް އިހުތިރާމު ކުރާނެ ކަމަށް ބުނެފި

ގިނަ އަދަދެއްގެ މީހުން މަރުވެ، ސަތޭކަ އަދަދެއްގެ މީހުންނަށް ޒަހަމްވުމަށްފަހު، ދޯހާގައި ބާއްވާފައިޥާ މަޝްވަރާތަކުގައި އަފްޣާނިސްތާނާއި ޕާކިސްތާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ. ޤަތަރާއި ތުރުކީ މެދުވެރިވެގެން ވެފައިވާ މި އެއްބަސްވުމުގައި ދެ ގައުމުން ވެސް ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، އެއްވެސް ގައުމަކުން އަނެއް ގައުމަށް ހަމަލާ ނުދިނުމަށާއި، ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިކަން ނުދިނުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ. އަދި ދެ ގައުމުގެ ސަލާމަތީ ބާރުތަކަށާއި، އާންމު ރައްޔިތުންނަށާއި، މުހިންމު ވަސީލަތްތަކަށް ހަމަލާ ނުދިނުމަށްވެސް އެއްބަސްވެފައިވެއެވެ.

ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، މެދުވެރި ގައުމުތަކުގެ ބެލުމުގެ ދަށުން މެކޭނިޒަމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި އޮކްޓޯބަރު 25 ގައި އިސްތަންބޫލްގައި އިތުރު މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ފެށިފައި ވަނީ ޕާކިސްތާނުން ތަހުރީކޭ ތާލިބާންގެ އަމާޒުފަތްގަނޑެއް ކަމަށް ބުނެ ކާބުލްގެ ތަނަކަށ ްހަމަލަ ދިނުމުންނެވެ. އެއަށް ފަހު ބަދަލުކޮށްފައިވާ ހަމަލަތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެއެވެ. އަދި ބޯޑަރު ސަރަހައްދުތަކުގައި އެތައް ހާސް މީހުންނާއި އުޅަނދުފަހަރު ތޮއްޖެހިފައިވެއެވެ. އަދި ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް އެއްވެސް އެއްޗެއް ވެއްދުމާއި އެގައުމުން އެއްވެސް އުޅަނދެއް ޕާކިސްތާނަށް އެތެރެވުން މަނާ ކޮށްފައެވެ. މިވަގުތު ޗަމަން ބޯޑަރު ހުޅުވިފައި ވަނީ ހަމައެކަނި އަފްޣާން ރެފިއުޖީން ޕާކިސްތާނުން އަފްޣާނިސްތާނަށް އެތެރެވުމަށް އެކަންޏެވެ. ޕާކިސްތާނުގެ ދިފާއީ ވަޒިރު ވަނީ އަފްޣާން ރެފިއުޖީން ޕާކިސްތާނުން ބޭރުވުމަށް އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!