އިންޑިއާ ބަނގްލަދޭޝްގެ ސިފައިންގެ އިސްވެރިން މަޝްވަރާތައް ބާއްވައިފި

އިންޑިއާގެ އާމީ ޗީފް ޖެނެރަލް އުޕެންދްރަ ދްވިވެޑީ އާއި ބަންގްލަދޭޝްގެ ލެފްޓިނަންޓް ޖެނެރަލް މުޙައްމަދު މުއީނުއްރަޙްމާން ޔުނައިޓެޑް ނޭޝަންސް ޓްރެއިނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ކޮންފަރެންސް (ޔޫއެން ޓީސީސީ) 2025 ގެ ހަވާސާގައި، ބައްދަލު ކުރައްވައިފިއެވެ. ދެ ބޭފުޅުން ވަނީ ސިޔާސީ ކަންކަމާ ދުރުގައި ދެ ގައުމުގެ ދިފާއީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

އިންޑިއާ ސިފައިން ނެރުނުބަޔާނެއްގައި ބުނެފައި ވަނީ މި ބައްދަލުވުމުގައި ދެގައުމުން ކުރިމަގުގައި އެކުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށާއި، އދ. ގެ ސުލްހައިގެ ލަޝްކަރުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން "އުފެއްދުންތެރި އަދި ފައިދާހުރި" މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.  މިއީ ސަރަޙައްދީ ސަލާމަތީ ކަންކަން ހީ ނުކުރާ ގޮތްގޮތަށް ބަދަލުވަމުންދާ ދަނޑިވަޅެއްގައި ދެ ގައުމުގެ ސިފައިންގެ ގުޅުން ބަދަހިކުރުމަށައި އިތުބާރު އުފެއްދުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

އިންޑިއާއާއި ބަނގްލަދޭޝް އިން ވަނީ މީގެ ކުރިންވެސް މަޝްވަރާތައް ބާއްވާފައެވެ. ޑާކާގައި ބާއްވާފައިވާ އެ މަޝްވަރާތަކުގައި ބޯޑަރ ސެކިއުރިޓީގެ މަޝްވަރާތަކާއި އިންޑިއާގައި ޤާނޫނާ ޚިލާފަށް ދިރިއުޅޭ 550 އަށްވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އެ ގައުމަށް އަނބުރާ ފޮނުވާ ލެވުނު ކަމަށް ބޯޑާ ސެކިއުރިތީ ފޯސްގެ ޑިރެކްޓަރ ޖެނެރަލް ދަލްޖިތް ސިންގ ޗައުދުރީ ހާމަކުރެއްވި އެވެ. އަދި ބަނގްލަދޭޝަށް ނިސްބަތްވާ 2,400 އަށްވުރެ ގިނަ މީހުންގެ ވެރިފިކޭޝަން މައްސަލަ އަދިވެސް ނުނިމި ހުރިކަމަށް ފާހަގަ ކުރެއްވިއެވެ.

އިންޑިއާއާއި ބަނގްލަދޭޝްއިންވެސް ދަނީ ބޯޑަރު ހުރަސްކުރާ މީހުންނާމެދު އިންސާނީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޢަމަލުކުރުމަށް އެއްބަސްވެ، ފިޔަވަޅު އަޅަމުންނެވެ. އަދި ސަރަޙައްދީ ސުލްހަ ޤާއިމުކުރުމަށް ދެ ގައުމުގެ ސިފައިންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!