ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރަކު އިންތިޚާބު ކޮށްފިއެވެ. ޖަޕާނުން ބޮޑު ވަޒީރުކަމަށް ހަމަޖެއްިީ އުމުރުން 64 އަހަރުގެ ސަނާއެ ތަކައިޗީ އަށް ވަނީ ޕާލިމެންޓުގެ ދެ މަޖިލީހުން ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. އޭނާ ވަނީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރުގެ މަގާމަށާއި ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންފައެވެ.
ޖަޕާންގެ "އަޔަން ލޭޑީ" ގެ ނަމުންވެސް މަޝްހޫރު ތަކައިޗީއަކީ އިންތިހާއަށް ކޮންޒަވެޓިވް ވިސްނުމުގެ ބޭފުޅެކެވެ. އޭނާގެ ިސޔާސަތުގައި މުހާޖިރުންނާއި ދެކޮޅުވެރިކަމާއި އާއިލާ ދެމެހެއްޓުމަށް ބާރުއެޅުން ހިމެނެއެވެ. އަންހެން ބޮޑުވަޒީރަކު އައުމަކީ ކުރިއެރުމެއްކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، އޭނާގެ ސިޔާސަތުތަކާމެދު ފާޑުކިޔާ ފަރާތްތައްވެސް ގިނަ އެވެ.
ތަކައިޗީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވަނީ އިޤްތިޞާދީ ގޮތުން ޖަޕާނަށް ދަތި ދުވަސްވަރެއްގައެވެ. އިންފްލޭޝަނާއި ހަނޑުލުިގެ ތަދުމަޑުކަމާ އެކު އޭނާގެ ފައިނޭންސް މިނިސްޓަރަކަށް ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ ސަތްސުކީ ކަތަޔާމާއެވެ. މީގެ އިތުރުން ބޭރުގެ ގުޅުންތަކުގައި ދެކުނު ކޮރެއާ އަދި ޗައިނާއާއެކު އޮތް ގުޅުމަށްވެސް މި ދުވަސްވަރު ޖަޕާނަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހިފައި ވެއެވެ.
ތަކައިޗީގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވާނީ އެލްޑީޕީއަށް ރައްޔިތުންގެ އިތުބާރު އަލުން ހޯއްދެވުމެވެ. ޒުވާނުންނާއި ޕްރޮގްރެސިވް ވިސްނުމުގެ މީހުން އޭނާގެ ސިޔާސަތާ މެދު ޝައްކުކުރި ނަމަވެސް، އޭނާގެ މި ތާރީޚީ ކާމިޔާބީއާއެކު ޖަޕާނުގެ ސިޔާސީ މައިދާނަށް އާ ދިރުމެއް ލިބިގެން ގޮސްފައިވެއެވެ.







