ނަތަންޔާހޫއަށް ބަދުބަސް ބުނި ޖަރުމަން ލިޔުންތެރިޔާ ހައްޔަރުކޮށްފި

އިޒްރޭލުގެ ބޮޑުވަޒީރު ނެތަންޔާހޫ ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ޖެނޮސައިޑް ޢަމަލުތަކަކީ ނާޒީން ޔަހޫދީންނާމެދު ޢަމަލުކުރިގޮތާ އެއްގޮތް އަމަލުތަކެއް ކަމަށް ބުނި ލިޔުންތެރިޔާ ޖަރުމަން ފުލުހުން ހައްޔަރުކޮށްފިއެވެ. ޖަރުމަނުވިލާތުގެ 84 އަހަރުގެ ލިޔުންތެރިޔާ އަދި ކުރީގެ ޕާލިމެންޓް މެންބަރު ޖުރގެން ޓޯޑެންހޯފަރ ހައްޔަރުކޮށްފައި ވަނީ މިއުނިކްގައި އިއްޔެ އެވެ.

ޓޯޑެންހޯފަރގެ ގެއަށް ފުލުހުން ރެއިޑްކޮށް، އޭނާގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ވެސް ވަނީ އަތުލާފައެވެ. ނަމަވެސް ކުޑައިރުކޮޅަކަށް ބަންދުކުރުމަށްފަހު ދޫކޮށްލާފައި ވެއެވެ. މި ހާދިސާއާ ގުޅިގެން ޖަރުމަނުވިލާތުގައި ނަފްރަތު އުފައްދާ ވާހަކަ ތައް ކުށްވެރި ކުރާ ޤާނޫނުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދޭތެރޭ ބޮޑު ބަހުސެއް ފެށިގެން ގޮސްފައިވެއެވެ.

ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީޑީޔޫ) ގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޓޯޑެންހޯފަރ ވަނީ އޮކްޓޯބަރ 2023 އިން ފެށިގެން ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޖެނޮސައިޑް ހަނގުރާމައާ ދެކޮޅަށް ފާޑުކިޔަމުން ގެންގޮސްފައެވެ. އޭނާގެ ޓްވީޓަށް 45،000 އަށްވުރެ ގިނަ ލައިކް ލިބި، 1،900 އަށްވުރެ ގިނަ ރިޕްލައި ލިބިފައިވެއެވެ.

މި މައްސަލައިގައި ފުލުހުންނާ ދެކޮޅަށް ޓޯޑެންހޯފަރ ވަނީ ކޯޓަށް ދިއުމަށް ނިންމާފައެވެ. އަދި މި ތަޙްޤީޤުގެ ސަބަބުން ޖަލު ޙުކުމެއް އަތުވެއްޖެނަމަ އެއީ ތިމަންނައަށް ލިބޭނެ ޝަރަފެއް ކަމުގައި ވެސް އޭނާ ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އދ އިން ވަނީ ޖަރުމަނުވިލާތުގައި ފަލަސްތީނަށް ތާއީދުކުރާ މީހުންނާ މއެދު ނާޒީން އަމަލު ކުރި ގޮތަށް އަޅާ ފިޔަވަޅުތަކާއި ކުށްވެރިކުރުމާމެދު އަލުން ވިސްނުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!