ޖެނޮސައިޑް ހިންގާ ޔަހޫދީން ރަހުމެއް ނެތި ކުޑަކުއްޖަކު ޝަހީދު ކޮށްލި ގޮތުގެ މިސާލެއް

"މުހައްމަދު އަލްހައްލާޤް ހުރީ ދެ އަތް އުރާލައިގެން ފާރަށް ލެނގިލައިގެންނެވެ. އޭނާގެ ފުށުން އެއްވެސް މީހަކަށް ނުރައްކަލެ ނެތެވެ. އެސާހިތަކުން އިސްރާއީލުގެ ސިފައިންގެ މީހަކު އޭނާގެ ގަޔަށް ބަޑިޖަހައި އޭނާ ޝަހީދުކޮށްލައިފިއެވެ. އަދި އެމީހުންގެ ހަމަލައަށް އެމީހުން އުފާފާޅުކުރަން ފެށިއެވެ." މިއީ، މި މަހުގެ 16 ވަނަ ދުވަހު ޚަލީލު ސިޓީގެ ދެކުނުން އޮންނަ އަލްރިހިޔާ އަވަށުގައި އިސްރާއީލު ސިފައިން ޝަހީދުކޮށްލި މުޙައްމަދު  އަލްޙައްލާޤް ޝަހީދުކޮށްލި ގޮތް އިސްރާއީލުގެ ނޫސް ހާރެޓްޒް ގައި ސިފަކޮށްފައި އޮތް ގޮތެވެ.

މި ލިޔުން ލިޔުންތެރިން ކަމަށްވާ ގިޑިއަން ލެވީ އާއި އެލެކްސް ލެވާކް ވަނީ އަލްހައްލާގު އާއިލާއަށް ޒިޔާރަތްކޮށް އާއިލާއާ ވާހަކަ ދައްކާފައެވެ. އެ ދެމީހުން ލިޔައެވެ.

މުހައްމަދުއަކީ އުމުރުން 9 އަހަރުގައި ހަތަރު ވަނަ ގްރޭޑްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.  މުހައްމަދުގެ އެނދުގެ ވަށައިގެން ޖަމާވެފައި ތިބި އޭނާގެ މަންމަ އާއި އާއިލާގެ މެމްބަރުންގެ ފުން ހިތާމައިގެ ހާލަތު އެމީހުން ސިފަކޮށްދިނެވެ.

މުހައްމަދު ޝަހީދުކޮށްލި ދުވަހު އޭނާ ގެއިން ނުކުމެގެން ދިޔައީ އޭނާގެ 6 އަހަރުގެ އަންހެން ކޮއްކޮއެއް ކަމަށްވާ ފުރަތަމަ ގްރޭޑްގެ ދަރިވަރާއެކު އެނާގެ ސްކޫލާ ޖެހިގެން ހުރި އަންހެން ކުދިންގެ ސްކޫލަށް އޭނާ ލާށެވެ. އަދި އާދައިގެ މަތިން ސްކޫލު ނިމުމުން އޭނާ ކޮއްކޮ ގޮވައިގެން ގެއަށް ދިޔައެވެ. އަދި ގޭގައި އޭނާ ފަޚުރުވެރިކަމާއެކު ދައްކާލީ އޭނާ އާއި އޭނާގެ ކުލާސް ކުދިންނަށް ޔުނިސެފް އިން ހަދިޔާއެއްގެ ގޮތުގައި ދިން އައު ސްކޫލު ދަބަހާއި ފަންސުރު ކޭސް އެވެ.

މުހައްމަދު އުފާ ކުރިނަމަވެސް އޭނާއާއި އޭނާގެ ނަސްލުގެ މީހުންގެ އަދުއްވުންކަމަށްވާ އިސްރާއީލު ސިފައިން ވިސްނަމުން ދިޔައީ އެހެން ގޮތަކަށެވެ. އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގައި އަބަދުވެސް ހަރަކާތްތެރި ވެއެވެ. އަދި ޣައްޒާގެ ހަނގުރާމައަށް ފަހު އެމީހުން ވަނީ އިތުރު ފޯރިއަކާއެކު ހުޅަނގު އައްސޭރިއާ ކުރިމަތިލާފައެވެ.

އިސްރާއީލު ސފައިން ފުރަތަމައަށް ވައިގެ ތެރެއަށް ވަޒަންތަކެއް ޖެއްސެވެ. އެ ވަޒަންތަކުގެ އަޑާއެކު ކައިރީގައި ހުރި އަންހެން ކުދިންގެ ސްކޫލު ތެރޭގައި ބާސްކެޓްބޯޅަ ކޯޓުގައި ފުޓްބޯޅަ ކުޅެން ތިބި ކުދިން ބިރުގަތެވެ.

ހާރެޓްސްގައި މިމަންޒަރު ސިފަ ކުރަމުން ލިޔަނީ، މިކުދިން ބިރުން ފިލައިގެން ދުއްވައިގަތް ކަމަށެވެ. އަދި މުހައްމަދު ވެސް ދުވެފައި ގޮސް މަގުމައްޗަށް ނުކުތެވެ. އެއިރު އޭނާއަށް މަގު ފެނުނީ ހިމޭން ކޮށެވެ. އިސްރާއީލު ސިފައިން ތިބީ މާދުރުގައެވެ. އެހެންވެ އޭނާ ދެ އަތް އުރާލައިގެން ފާރަށް ލެނގިލައިގެން ހިމޭނުން ހުއްޓި ހުރީއެވެ. މަގުމަތީގެ ހަމަހިމޭން ކަމުން އިތުރަށް ދުވުމުގެ ބޭނުމެއް ނެތް ކަމަށް އޭނާއަށް ފެނުނެވެ.

އެކަމަކު އިސްރާއީލު ސިފައިންގެ ތެރެއިން އެކަކު ނިންމީ މިވަރުން މިކަން ނިންމައި ނުލައި މި ކުއްޖާއަށް ފިލާވަޅެއް ދަސްކޮށްދޭން ޖެހޭނެ ކަމަށް ހާރެޓްސްގައި ބުނެއެވެ.

ހާރެޓްޒް ވާހަކަ ދެއްކި މަންޒަރު ދުށް މީހުންގެ ހެކިބަހުން އެނގެނީ، އިސްރާއީލު ސިފައިންގެ މީހާ އޭނާގެ ހަތިޔާރު މުހައްމަދަށް އަމާޒުކޮށް އެންމެ ވަޒަނެއް ޖަހައި މުހައްމަދު ޝަހީދުކޮށްލީ އޭނާގެ ކަނާތް ފަރާތުން އުނަގަނޑުގަށް އަމާޒު ކޮށެވެ. އޭނާގެ ލޭ ހޮޅިތަކާއި އެތެރޭގެ ގުނަވަންތައް ގޮއްވާލީއެވެ.

"މުހައްމަދަށް ދިރިހުރުމުގެ އެއްވެސް ފުރުސަތެއް ނެތް" ކަމަށް ލެވީ އާއި ލެވަކް ހާރެޓްސްގައި ކިޔައި ދެއެވެ. އޭނާ ދެ ފިޔަވަޅެއް އެޅުމާއެކު ބިންމައްޗަށް ވެއްޓުނެވެ. ހަރަކާތް ހުއްޓުނެވެ. ހަސްފަތާނަށް ގެނައި އިރު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ޑޮކްޓަރުން މުޙައްމަދު އަނބުރައި ގެނައުމަށް މަސައްކަތްކުރިއެވެ. އަދި އަވަސް އޮޕަރޭޝަނަކަށް އޭނާ ވެއްދިއެވެ. ނަމަވެސް އެއިރު ވަގުތު ފާއިތު ވެއްޖެއެވެ.

މުޙައްމަދުގެ ބައްޕަ ބަހުޖަތު، 38، ހުރީ މަސައްކަތުގައެވެ. އޭނާއަށް އާއިލާގެ ވަޓްސްއެޕް ގްރޫޕުން ފެނުނީ ދަރިފުޅު ކާރަކަށް ލީ މަންޒަރެވެ. އަދި އޭނާގެ އުނަގަނޑުން ލޭ އަންނަ މަންޒަރު ފެނުނެވެ. އޭނާގެ ބޯ އޮތީ އެލިފައެވެ. އެވަގުތު އޭނާގެ ދަރިފުޅު ޝަހީދުވެފައިވާ ކަމަށް ބަހުޖަތު ނިންމިއެވެ. ބަހުޖަތުއަށް ދަރިފުޅުގެ ހަށިގަނޑު ފެންނަން 3 ގަޑިއިރު ނެގިއެވެ.

އިސްރާއީލުގެ ޔަހޫދީ ނެއްގާނީ ނިޒާމުން އަދި އެވަރަކުން ފުއްދައެއް ނުލާނެއެވެ. ދުނިޔެއަށް ކެންސަރުގެ މުސީބާތަކަށްވެފައިޥާ ޔަހޫދީންގެ އަނިޔާވެރިކަމުގެ މިއީ ކުޑަ މިންވަރެކެވެ.

އެދުވަހުގެ ހަވީރު ޔަހޫދީންގެ ޖާސޫސީ އިދާރާ ޝިން ބެޓްގެ އޭޖެންޓަކު މުހައްމަދުގެ ބޮޑު ބޭބެއަކަށް ގުޅައި އިންޒާރު ދިނެވެ. ޝިން މެޓުން އެންގީ މުހައްމަދުގެ ޖަނާޒާގައި އެއްވެސް މުޒާހަރާއެއް ހަމަނުޖެހުމެއް ހިންގައިގެން ނުވާނެ ކަމަށެވެ.

ގިޑިއަން ލެވީ އާއި އެލެކްސް ލެވާކް ގެ ލިޔުމުގައި ސާބިތުކޮށް ދީފައި ވަނީ ކުޑަކުއްޖަކު ޝަހީދުކޮށްލަން އެ އަވަށަށް ޔަހޫދީންގެ ސިފައިން އަރައިގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ ދެ ލިޔުންތެރިން ބުނަނީ، މިކަންކަމުންވެސް ދައްކުވައިދެނީ ޣައްޒާގައި ޔަހޫދީ ސިފައިންނަށް ހުއްދަ ކަންތައްތައް މިހާރު ހުޅަނގު އައްސޭރީގައި ހުއްދަވެފައިވާ ކަމަށެވެ.

އެއީ، ފަލަސްޠީނު މީހަކު ޝަހީދުކޮށްލަން ބޭނުން ވުމުން ޝަހީދު ކޮށްލަންވިއެވެ. އެއަށް ކުޑަކުއްޖަކީވެސް އިސްތިސްނާއެއް ނޫނެވެ.

ހާރެޓްސްގެ ރިޕޯޓަށް ލިޔުންތެރިން ވަނީ އިސްރާއީލު ސިފައިންނާ ގުޅައިގެން މައުލޫމާތު ހޯދަން މަސައްކަތް ކޮށްފައެވެ. ސިފައިންގެ މީހާ ހައްޔަރު ކުރިތޯ އެމީހުން ސުއާލު ކުރިއެވެ.

އިސްރާއީލު ސިފައިން، އައިޑީއެފްގެ ސްޕޯކްސްޕާސަން އޮފީހުން އާންމުކޮށް ދޭ ޖަވާބު މި ސުއާލަށް ދިނެވެ.

"މި ހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ތަހުގީގު ކުރަމުން އަންނަނީ މިލިޓަރީ އެޑްވޮކޭޓް ޖެނެރަލްގެ ޔުނިޓުން" ކަމަށެވެ. މާނައަކީ އެ ސިފައިންގެ މީހާއާ ސުއާލެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ.

މުހައްމަދު ފަދަ ހަގު އުމުރުގެ ކުޑަކުއްޖަކު ޝަހީދުކޮށްލުމަކީ އިސްރާއީލުގެ ސިފައިން އަޅާލާނެ ކަމެއް ނޫނެވެ. އަދި ފަހަރެއްގައި ޓްރިގަރަށް ފިތާލި ސިފައިންގެ މީހާގެ ހިތަށްވެސް އެއްޗެއް ނާރާނެ ކަމަށް ލެވީ އާއި ލެވާކް ލިޔައެވެ.

އައިޑީއެފްގެ ތަރުޖަމާނުގެ އޮފީހުގެ ޖަވާބުގެ މާނައަކީ ޝައުގުވެރިކަމެއް ނެތް މައްސަލައެއް ކަމަށް އެމީހުން ލިޔުނެވެ. އަދި އަހަރެއް ދެ އަހަރެއްހާ ދުވަސް ފަހުން މައްސަލައިގެ ފައިލް ބަންދުކޮށްލާނެއެވެ.

ލިޔުންތެރިން ބުނާ ގޮތުގައި "ދެން ސިފައިންގެ މީހާއަށް ވާނީ ކިހިނެއް؟ ރަހުމު ކުޑަކޮށް ޝަހީދުކޮށްލި މައުސޫމު ކުއްޖާ މަތިން ހަނދާން ހުންނާނެ ހެއްޔެވެ؟ ހަމަ އެއުމުރުގެ ކުއްޖެއްގެ ބައްޕައަކަށް އޭނާ ވާދުވަހު އެކަން ހަނދާން ހުންނާނެ ހެއްޔެވެ؟ ޝަހީދުކޮށްލި ކުއްޖާ ހުވަފެނުގައި ފެންނާނެ ހެއްޔެވެ؟ ހުވަފެނުގައި ހެއްޔެވެ؟ މި ނިކަމެތި އާއިލާއަށް އޭނާ ކުރިމަތިވި ކާރިސާގެ އެއްވެސް ޚިޔާލެއް އޭނާއަށް އިހުސާސް ކުރެވޭނެ ހެއްޔެވެ؟

މި ޖަރީމާ ހިންގި ވަގުތު މަންޒަރު ދުށް މީހުން ލިޔުންތެރިންނަށް ކިޔައިދިން ގޮތުގައި ސިފައިންގެ މީހާ ބަޑިޖެހުމަށް ފަހު އަތް ޖަހައި ނަށައި އުފާ ކުރިއެވެ. އަދި އޭނާގެ އެކުވެރިން ވެސް އެ އުފަލުގައި ބައިވެރިވި އެވެ. އެއަށްފަހު އެ ކުއްޖާ ސަލާމަތް ކުރަން އުޅުނު ބައެއް މީހުންނާ ދިމާއަށް ކަރުނަ ގޭސް ޖަހައި، އެތަނަށް އަޔަ ނުދޭން މަސައްކަތް ކުރިއެވެ. އޭގެ ދެތިން މިނެޓެއް ފަހުން އެމީހުން އެތަން ދޫކޮށް ދިޔަ އެވެ.

މުހައްމަދުގެ ކޮޓަރީގައި އޭނާގެ މަންމަގެ ލޮލުން ކަރުނަ ނުހިކެއެވެ. ފުރާވަރުގެ ދަރިފުޅަށް ހިތާމަ ކުރަމުންދާއިރު، އޭނާ ބޭނުންވަނީ ދަރިފުޅުގެ ގަޔަށް ބަޑިޖެހި ސިފައިންގެ މީހާއަށް އަދަބު ލިބުމަށެވެ. މުހައްމަދުގެ އެހެން ކޮއްކޮއިންވެސް ތިބެނީ މިހާރު ބިރުންނެވެ. "އެމީހުން ޝަހީދު ކޮށްލާނީ ކޮން އިރތަކު ބާވައޭ އެކުދިން ހިތަށް އަރައެވެ." ލެވީ އާއި ލެވާކް ލިޔުނެވެ!

ހިއްސާ ކުރައްވާ!