ޔަހޫދީންގެ ހުނަރުވެރި ޖެނޮސައިޑާއެކުވެސް އެމީހުންނަށް ފަލަސްޠީނު މީހުންގެ ޢިލްމީ ގާބިލުކަމާއި އެމީހުންގެ އީޖާދީ ހުނަރު ހިންދައެއް ނުލެވުނެވެ. ފަލަސްޠީނު މީހުން ވަނީ އަމިއްލއަށް ބޭރު ބަޔަކާ ނުލައި ހަމައެކަނި ފަލަސްޠީނު މީހުން އަމިއްލއަށް އުފައްދާފައިވާ އެޑިއުކޭޝަން ޓެކްނޮލޮޖީ ޕްލެޓްފޯމް ތައާރަފް ކޮށްފައެވެ.
އާޓިފިޝަލް އިންޓެލިޖެންސް (މަބް) ބޭނުންކޮށްގެން ފަލަސްޠީނު މީހުން ތައްޔާރުކޮށްފައިވާ ތަޢުލީމީ ޕްލެޓްފޯމް "އެޑިއުޕްރޯ" މިހާރު ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މި ޕްލެޓްފޯމް އިފްތިތާޙުކޮށްފައި ވަނީ "ފަލަސްޠީނުން ދުނިޔެއަށް ތައާރަފް ކުރާ އީޖާދީ ފިކުރުގެ ދިހަވަނަ ފޯރަމް" ގެ ހަރަކާތުގެ ތެރެއިންނެވެ.
މި ޕްލެޓްފޯމް ތަރައްޤީކޮށްފައިވަނީ ސާމިރު އަލްބީތާވީ ހިންގާ ކުންފުނި ކަމަށްވާ ABA އެޖެންސީ އިންނެވެ. "އެޑިއުޕްރޯ"ގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނަށް ކުރިމަތިވެފައިވާ ތައުލީމު ފޯރުކޮށްދިނުމުގެ ގޮންޖެހުންތައް ހައްލު ކޮށްދިނުމެވެ.
މި ޕްލެޓްފޯމްގައި ތަފާތު ހަ ގިންތިއަކަށް ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ދަރިވަރުން، ބެލެނިވެރިން، މުދައްރިސުން، ސްކޫލްތައް، ތައުލީމީ އިދާރާތައް އަދި މިނިސްޓްރީއެވެ. މި ޚިދުމަތްތަކުގެ ތެރޭގައި ސްމާޓް ވަސީލަތްތައް ބޭނުން ކުރުން ހިމެނެއެވެ. މި ވަސީލަތްތަކުގެ ތެރޭގައި މަޖާޒީ މުދައްރިސެއް ބޭނުން ކުރުމާއި އިމްތިޙާނުތައް ބޭއްވުން ވެސް ހިމެނެއެވެ. އަދި، "އެޑިއުޕްރޯ" ގެ ކޮމިއުނިޓީ ވަސީލަތްތައް ބޭނުން ކުރުމުން އެހެން ކުދިންނާ ގުޅިގެން އުނގުނުމަށްވެސް ފުރުސަތު ދެއެވެ.
"އެޑިއުޕްރޯ" އަކީ ފަލަސްޠީނުގެ ޑިޖިޓަލް ތަޢުލީމު ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ޕްލެޓްފޯމަކީ ޔަހޫދީން ޖެނޮސައިޑްގައި ފަނާ ކޮށްފައިވާ ޣައްޒާގެ ދަރިވަރުންނާއި މުދައްރިސުންނަށް ހިލޭ ބޭނުންކުރެވޭނެ ނިޒާމެކެވެ.
މިފަދަ ލޯކަލް އޭއައި ޓެކްނޮލޮޖީއެއް ބޭނުންކޮށްފައިވާ ތަޢުލީމީ ޕްލެޓްފޯމެއް ފަލަސްޠީނުގައި ތަޢާރަފުކުރުމަކީ މި ސަރަހައްދުގެ ތަޢުލީމީ އަދި ޓެކްނޮލޮޖީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވެއެވެ. ޚާއްސަކޮށް، ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއެކު ވެސް، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ތަޢުލީމީ ޚިދުމަތްތައް ދެމެހެއްޓުމަށް ފަލަސްޠީނުން ބާރުއަޅާކަން މިކަމުން ސާބިތު ކޮށްދެއެވެ. ފަލަސްޠީނަކީ ތައުލީމަށް ސަމާލުކަން ނުދޭ ސަރަހައްދެއްގައި އެންމެ ގިނައިން އެންމެ މައްޗަށް ތައުލީމު ހާސިލުކޮށްފައިޥާ އަރަބިން ތިބޭ ގައުމެވެ،







