އޭނާ ހުޅަނގު އައްސޭރީގެ މަސްރަހު ސިފަކޮށް ދެނީ ވަރަށް ބިރުވެރިގޮތަކަށެވެ. އެއީ، އިސްރާއީލުގެ ވާތުފިޔައިގެ މަޝްހޫރު ލިޔުންތެރިޔާ، ގިޑޮން ލީވީ އެވެ. ހާރެޓްޒް ނޫހުގައި އޭނާ ލިޔަނީ، ޣައްޒާގައި ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުން އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް އަދިވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި އޭނާ ބުނަނީ، އިސްރާއީލުން ހުޅަނގު އައްސޭރި ހިފުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވަޢުދުވެފައިވީ ނަމަވެސް، ވޮޝިންޓަންއިން ދަނީ އެ ސަރަހައްދުގައި ޖެނޮސައިޑް ފޯސްއިން ހިނގަމުންދާ ހަމަލާތަކާއި ލަޓޯފަޓޯ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމަށް ބީރު ކަންފަތެއް ދީފައި ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތަކުލީފުތަކަށް ލުޔެއް ލިބޭނެ ކަމުގެ އުންމީދެއް ނެތި، އަނިޔާވެރިކަންކަން ކުރިއަށްދާ ކަމަށް އޭނާ ފާހަގަ ކުރެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ ދައްކަމުންދާއިރު، ހުޅަނގު އައްސޭރި ފެންނަނީ އެއްވެސް ބަދަލެއް ނެތި އަނިޔާވެރިކަން އާލާ ވަމުންދާ ތަނެއްގެ ގޮތަށެވެ. ލީވީގެ ލިޔުމުގައި ބުނާ ގޮތުގައި އިސްރާއީލުގެ ޖެނޮސައިޑް ފޯސްއާއި ޔަހޫދީ ވަޒަންވެރިން އަދި ޔަހޫދީ ސިވިލް އިދާރާތަކަށް ވެސް ޖެނޮސައިޑް "ހަނގުރާމަ ހުއްޓާލުމެއް" ގެ އިޙްސާސެއް ނުކުރެވެއެވެ. ޔަހޫދީންގެ މި އަނިޔާވެރި ނިޒާމުގެ ދަށުގައި ދިރިއުޅޭ 3 މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް ޖެނޮސައިޑް ހަނގުރާމަ ނިމުނުކަމުގެ އެއްވެސް ރާހަތެއް އިޙްސާސް ނުކުރެވޭ ކަމަށް އޭނާ ލިޔައެވެ.
ލީވީ ދެކެނީ ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ވަނީ ހުޅަނގު އައްސޭރީގައި އަނިޔާވެރިކަމާއި ހުރަސްތައް ގާއުިމް ކުރުމަށް އިތުރު ބަހަނާއަކަށް ވެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހަށް ފަހު ޔަހޫދީން ފަލަސްޠީނު މީހުންނަށް އަޅާފައިވާ ހުރިހާ އަދަބު ދިނުމުގެ ފިޔަވަޅުތައް އަދިވެސް ދެމިއޮތް ކަމަށް ބުނެއެވެ. އަދި ޔަހޫދީ ބަސްތީގައި ވަޒަންވެރިކޮށްފައިޥާ ލަޓޯފަޓޯ ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވެ، ޖެނޮސައިޑް ފޯސްއާއި ފުލުހުންގެ އެއްބާރުލުން ލިބުމުގެ ސަބަބުން މިކަންތައްތައް ވަނީ އިތުރަށް ގޯސްވެފައެވެ.
އޭނާ ލިޔުނު ގޮތުގައި، ޣައްޒާގެ މައްސަލައިގައި ތަފާތު ގޮތަކަށް ކަންކުރާ ޓްރަމްޕްގެ ސަރުކާރުން ހުޅަނގު އައްސޭރީގައި ހިނގާ ކަންކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އިސްރާއީލުން އެ ސަރަހައްދު ހިފަން އުޅުމުން އެކަމަށް ހުރަސް އަޅާނެ ކަމަށް ތްރަމްޕް ސަރުކާރުން ހަމައެކަނި އިއުލާން ކުރުމަކުން އެކަން ފުދޭނެ ކަމަށް ހީކޮށް، އެތާނގައި ހިނގާ ކަންކަން އޮޅުވާލަނީ ކަމަށް ލީވީ ދެކެއެވެ.
ލީވީ ބުނަނީ ދެ އަހަރު ދުވަހުގެ ތެރޭގައި 150،000 އާއި 200،000 އާ ދެމެދުގެ އަދަދެއްގެ ފަލަސްތީނު މީހުންނަށް އިސްރާއީލުގައި މަސައްކަތްކުރުން މަނާކުރުމުގެ ސަބަބުން އެމީހުންނަށް އާމްދަނީ ލިބޭނެ މަގު ވަނީ ބަންދުވެފައެވެ. އަދި ފަލަސްތީނުގެ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ސަބަބުން ފަޤީރުކަމާއި ދަތިކަން ވަނީ އިތުރުވެފައެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީގެ ބާރުގެ ދަށުގައިވާ ސަތޭކަ އެތައް ޗެކްޕޮއިންޓްތަކާއި ދަގަނޑު ގޭޓްތަކާއި ހުރަސްތައް ހުޅަނގު އައްސޭރީގައި އާންމު ވެފައި އޮތުމުގެ ސަބަބުން، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ ޖަލެއްގެ ތެރޭގައި ބަންދުވެފައިވާ ފަދަ ހާލަތަކަށް ވެފައެވެ. މިއީ ކުރިން ޣައްޒާގައިވެސް ޔަހުދީން ފަލަސްޠީނު މީހުންނާ މެދު މުއާމަލާތު ކުރި ގޮތެވެ.
އޭނާ ލިޔުނު ގޮތުގައި، އޮކްޓޯބަރު 2023 އިން ފެށިގެން 120 އަށް ވުރެ ގިނަ ޔަހޫދީ ސެޓްލަރުން ވަނި އެމީހުންގެ އަމިއްލަ މަރުކަޒުތައް ގާއިމު ކޮށްފައެވެ. މީގެ ތެރެއިން ގިނަ މަރުކަޒުތަކަކީ ހުޅަނގު އައްސޭރީގެ މީހުންނަށް އަނިޔާވެރިވާ އަދި ޔަހޫދީ ޖެނޮސައިޑް ދައުލަތުގެ އެހީ ލިބޭ ތަންތަނެވެ. މީގެ ސަބަބުން ފަލަސްތީނުގެ 80 ރަށެއްގެ ރައްޔިތުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ވަޒަނުން ބޭރުވާން މަޖުބޫރު ކޮށްފައެވެ. ލީވީ ބުނާ ގޮތުގައި މި ހާލަތުގެ ސަބަބުން ހުޅަނގު އައްސޭރީގައި ދިރިއުޅުން ވަނީ "ނުކުޅެދޭ" މ ންވަރަކަށް ދަތިކޮށްފައެވެ. އަދި އެ ސަރަހައްދުގައި ބޮޑު ހަމަނުޖެހުމެއް ލައިގަތުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެކަން ވާން ޖެހޭ ކަމަށެވެ.
ލީވީ ދެކެނީ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ކަންކަމަކީ ޣައްޒާގައި ހިނގާ ކަންކަމަށް ވުރެ ނުރައްކާތެރި ކަންކަމެވެ. ޔަހޫދީ ވަޒަންވެރިންނާއި ޖެނޮސައިޑް ސިފައިންގެ ގުޅިގެން ފަލަސްޠީނު ރައްޔިތުންނށް ކުރާ އަނިޔާއިން އެމީހުން ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އަވަސް އެހީތެރިކަމަށް އޭނާ ގޮވާލައެވެ.




