ފަލަސްތީނުގެ ހިފާފައިވާ ސަރަޙައްދުތަކާ ބެހޭ އދގެ މިނިވަން ބައިނަލްއަޤްވާމީ ތަޙުޤީޤު ކޮމިޓީން ވަނީ ޔަހޫދީން ހިންގާފައިޥާ ޖެނޮސައިޑާ ގުޅޭ 16 ހާސް ހެކި ހޯދާފައި ކަމަށް އެ ކޮމިޓީން ބުނެފިއެވެ. 3 މެމްބަރުންގެ ކޮމިޓީގެ މެންބަރު އޮސްޓްރޭލިއާގެ ކްރިސް ސިޑޯޓީ ވިދާޅުވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުގެ ޖެނޮސައިޑް ފޯސްއިން ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި، ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައިވާކަން ސާބިތުކުރެވޭ ވަރަށް އެ ކޮމިޓީއަށް ހެކި ލިބިފައިވާ ކަމަށެވެ.
މި ކޮމިޓީގައި ދެކުނު އެފްރިކާގެ ނަވިން ޕިއްލޭއާއި އިންޑިއާގެ މިލޮން ކޮޓާރީވެސް ހިމެނިވަޑައިގަންނަވައެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ސިޑޯޓީ ވިދާޅުވީ، ޣައްޒާގައި ޔަހޫދީން ހިންގާ ނަސްލު ނައްތާލުމުގެ މައްސަލައާ ބެހޭގޮތުން އދ.ން އެކުލަވާލާފައިވާ މިނިވަން ކޮމިޓީގެ ތަޙުޤީޤު ދެ އަހަރު ދުވަހަށް ދެމިގެން ގޮސްފައިވާ ކަމަށާއި އެ ކޮމިޓީން ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ ހެކި ހޯދައިފައިވަނީ ކޮމިޓީން އަމިއްލައަށް އެއްކުރި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެެވެ. އެ ކޮމިޓީގެ ތަޙުޤީޤު ޓީމުން މިހާތަނަށް 16،000 އަށް ވުރެ ގިނަ ހެކި އެއްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ފޮޓޯތަކާއި ވީޑިއޯތައް ހިމެނޭ ކަމަށާއި، އަދި މިހާރު މި ހެކިތައް އދ. ގެ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ހެކިވެރިންގެ ބަޔާންތަކާ ގުޅުވައިގެން އިތުރަށް އަޅާކިޔައި ޗެކްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ މަޖިލީހުން ވަނީ 2021 ވަނަ އަހަރުގެ މޭ މަހު، އިރުމަތީ ޤުދުސް އާއި ހިފާފައިވާ ބިމުގައި އިންދާފައިވާ ޔަހޫދީންގެ ދައުލަތް އިސްރާއީލް ވެސް ހިމެނޭ ގޮތަށް، ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކާ ބެހޭ މިނިވަން ބައިނަލްއަޤްވާމީ ތަޙުޤީޤު ކޮމިޓީއެއް އެކުލަވާލާފައެވެ. ސިޑޯޓީ ވިދާޅުވީ، ކޮމިޓީ އެކުލަވާލި ފަހުން ހުއްޓުމެއް ނެތި މަސައްކަތުގައި އަދިވެސް ހަރަކާތްތެރި ވަމުންދާ ކަމަށެވެ. ކޮމިޓީން ވަނީ މީހުންނާ ވާހަކަ ދައްކައި މައުލޫމާތު ހޯދުމުގ އިތުރުން، ސެޓެލައިޓް ފޮޓޯތަކާއި ވީޑިއޯތަކާއި ޑިޖިޓަލް ހެކި ހޯދައި އެ ހެކި ދިރާސާކޮށްފައެވެ.
ސިޑޯޓީ ހާމަކުރެއްވި ގޮތުގައި، ކޮމިޓީގެ ތަޙުޤީޤުތައް އަމާޒުކޮށްފައި ވަނީ ހަމައެކަނި ޖަރީމާތައް ހޯދައި ސިފަކުރުމަކަށް އެކަންޏެއް ނޫނެވެ. އެ ޖަރީމާތައް ހިންގައި އެކަމަށް ޒިންމާދާރުވާ ފަރާތްތައް ދެނެގަތުން ވެސް މަސައްކަތުގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ޖަރީމާތައް ހިންގި އިސްރާއީލުގެ ސިފައިންގެ މެމްބަރުން ކޮމިޓީން ވަނީ ދެނެގަނެފައެވެ. އަދި، އެހެން ބައެއް ހާލަތްތަކުގައި، މި ޖަރީމާތައް ހިންގުމަށް އަމުރުކުރި އިސްރާއީލުގެ ސަރުކާރުގެ ފަރާތްތަކާއި އަދި ސިފައިންގެ ފަރުދުންނާއި ލީޑަރުންނާއި އިސްވެރިން ވެސް ވަނީ ހޯދައިގަނެވިފައެވެ.
މި ތަޙުޤީޤުތަކުގެ ނަތީޖާއާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށް ވިދާޅުވިއެވެ. އެކަމަށް ރައްދު ދެއްވަމުން ސިޑޯޓީ ވިދާޅުވީ، ފާޑުކިޔުންތައް އަމާޒުވެފައިވަނީ ހަމައެކަނި އިސްރާއީލުގެ ސަރުކާރާއި އެމެރިކާއިން ކަމަށެވެ. އެމެރިކާއަކީ ޖެނޮސައިޑު ހިންގުމަށް ވާގިވެރިވި ގައުމެވެ. ސިޑޯޓީ ވަނީ ކޮމިޓީގެ ތަޙުޤީޤުތަކަކީ ވަރަށް ބޮޑަށް އިތުބާރު ހިފޭ އަދި ސީރިއަސް ތަޙުޤީޤުތަކެއް ކަމަށާއި، ފުޅާ ދާއިރާއެއްގައި މި ތަހުގީގު ބަލައި ގަނެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ކޮމިޓީގެ ރިޕޯޓުތައް އިންސާނީ ޙައްޤުތަކާ ބެހޭ އދގެ މަޖިލީހަށާއި ޢާންމު މަޖިލީހަށް ހުށަހަޅާނެކަމަށް ސިޑޯޓީ ވިދާޅުވިއެވެ. އަދި އެ ރިޕޯޓުތައް ޢާންމުކޮށް ޝާއިއު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރިޕޯޓުގެ އެއްވެސް ބައެއް ސިއްރުކޮށްފައި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ތަޙުޤީޤުތައް ހިނގަމުންދަނިކޮށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯއާވް ގެލަންޓް ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ. އެ ދެ މުޖުރިމުންނަށް ތުހުމަތު ކޮށްފައި ވަނީ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމަށެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ނަސްލު ނައްތާލުމުގެ ޖަރީމާ ފެށި ފަހުން ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 68،531 އަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ ޢަދަދު 170،402 އަށް އަރާފައިވެއެވެ.






