އިލެކްޝަނާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޓެންޒޭނިއާގެ މަގުތަކުގައި ބަޑީގެ އަޑު ގުގުމައި، ކަރުނަ ގޭސްގެ ދުމުން ވައި ތަޣަައްޔަރުވެ، ރައްޔިތުން އުޅަނދުތަކުގައި ރޯކޮށްފައިވާ މަންޒަރު އާންމު ވެފައި ވެއެވެ. ޓެެންޒޭނިއާގެ އިލެކްޝަނާ މެދު ހިނގި ދެބަސްވުންތަކާ ގުޅިގެން ފެށުނު މުޒާހަރާތަކަކީ އެފްރިކާގެ މި ގައުމުގެ މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވި މިފަހުގެ އެއް ހަމަނުޖެހުމެވެ. އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލުން ހިންގާފައިވާ ކަމަށް ބުނެ، ގައުމީ ފެންވަރުގައި ހިންގާ ހަމަނުޖެހުންތަކަށް މިއަދު ތިން ދުވަސްވީއެވެ.
ޓެންޒޭނިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ، ހަތް މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ދާރުއްސަލާމްގައި ހަމަނުޖެހުން ބޮޑު ވެފައި ވެއެވެ. އިދިކޮޅު މައި ޕާޓީ ކަމަށްވާ ޗަދޭމާ އިން ބުނާ ގޮތުގައި، ރައީސް ސާމިއާ ސުލޫހޫ ޙަސަންގެ އެންމެ ވަރުގަދަ ދެ ވާދަވެރިންނަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުމާ ގުޅިގެން ބުދަ ދުވަހު ފެށުނު މުޒާހަރާތަކުގައި ގާތްގަނޑަކަށް 700 މީހުން މަރުވެފައިވެއެވެ.
ފުރަތަމަ ދާރުއްސަލާމްގައި ފެށުނު މި މުޒާހަރާތައް ވަނީ މުވާންޒާ އަދި އަރޫޝާ ފަދަ އެހެން ސިޓީތަކަށް ވެސް ފެތުރި ފައެވެ. އަދި މައި މަގުތައް ވަނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. މަންޒަރު ދށް މީހުން ބުނާ ގޮތުގައި، ބިރުވެރިކަމުގެ މަންޒަރުތައް އާންމު ވަމުން ދިޔައިރު ސިފައިންގެ އުޅަނދުތައް މަގުތަކަށް ނެރެ، މީހުން ދިރިއުޅޭ ސަރަހައްދުތަކުން ބަޑީގެ އަޑު އިވިފައި ވެއެވެ. އަދި “އަހަރެމެންގެ ގައުމު އަހަރެމެންނަށް އަނބުރާ ބޭނުން!” ކަމަށް ގޮވަމުން މުޒާހަރާ ކުރި މީހުންގެ ތެރެއަށް ސިފައިންނާއި ފުލުހުން ކަރުނަ ގޭސް ޖަހާފައިވެއެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ސަރުކާރުގެ އިމާރާތްތަކާއި އޮފީސްތަކާއި އުޅަނދުތަކުގައި ރޯކޮށްފައި ވެއެވެ. އަދި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި ކާފިއު އިއުލާންކޮށް، ސިފައިން ނެރުމަށް ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ. ހާލަތު ގޯސްވުމާއެކު، މުވާސަލާތީ ގުޅުންތައް ކަނޑާލުމުގެ ގޮތުން ގައުމީ ފެންވަރުގައި އިންޓަނެޓްގެ ހިދުމަތް ވަނީ ކަނޑާލާފައެވެ.
މިއަދު ހުކުރު ދުވަހު ވެސް މުޒާހަރާގެ ސަތޭކަ އަށް ވުރެ ގިނަ ބައިވެރިން މަގުތަކަށް ނިކުމެ، އިލެކްޝަން ކޮމިޝަނުން ނަތީޖާ އިއުލާންކުރުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އެމީހުން ބުނާ ގޮތުގައި ނަތީޖާ ވަނީ އޮޅުވާލައި ބަދަލުކޮށްފައެވެ. ސިފައިންގެ ވަރުގަދަ ފައުޖެއް ނެރެފައިވީ ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ދޫދޭން ދެކޮޅު ހަދާފައެވެ.
ސަރުކާރުގެ ތަރުޖަމާނު ގެރްސަން މިސްގުވާގެ އިންސްޓަގްރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މިއަދު ހުކުރު ދުވަހާ ހަމައަށް ގެއިން މަސައްކަތްކުރުމަށް ދީފައިވާ އަމުރު ދެމިއޮންނާނެ ކަމަށާއި، އަދި އެހެން މީހުން ވެސް ކޮންމެގހެން ބޭނުމެއް ނުޖެހޭނަމަ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ޗަދޭމާގެ ތަރުޖަމާނު ޖޯން ކިޓޯކާ ބުނިގޮތުގައި، “ދާރުއްސަލާމްގައި އެކަނި ވެސް މަރުވި މީހުންގެ އަދަދު 350 އަށް އަރާނެއެވެ. އަދި އަދި މުވާންޒާގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާނެއެވެ. އެހެން ސަރަހައްދުތަކުގެ އަދަދުތައް އެއްކޮށްލުމުން ގައުމީ ފެންވަރުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 700 އަށް އަރާނެއެވެ.”
މި ހަމަނުޖެހުންތައް ފެށުނީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު މުހިންމު ދެ ފަރާތެއްގެ ކެންޑިޑޭސީ ބާތިލުކުރުމާ ގުޅިގެންނެވެ. ކުރީގެ ރައީސް ޖޯން މަގޫފަލީ ކުއްލިއަކަށް އަވަހާރަވުމާ ގުޅިގެން 2021 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ސާމިޔާ ޙަސަންއަށް ތާއީދު ދިނީ ކުދި ޕާޓީތަކުގެ ކުދި ކެންޑިޑޭޓުންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އަނބުރާ ގެނެސް، އިދިކޮޅު ފަރާތްތަކަށް އޮތް ހުރަސްތަކަށް ލުއިދެއްވި އިސްލާހީ ލީޑަރެއްގެ ގޮތުގައި ބަލައިގަނެވުނު ސާމިޔާ ޙަސަން، މިހާރު ވަނީ އެމްނެސްޓީ އިންޓަނޭޝަނަލް އިން “ބިރުވެރިކަމުގެ ރާޅެއް” ކަމަށް ސިފަކޮށްފައެވެ. އަދި މީހުން ނިޒާމުން ގެއްލުވާލުންތަކާއި އަނިޔާކުރުންތަކާއި ގާނޫނާ ޚިލާފަށް މީހުން މެރުމުގެ އަމަލުތައް ހިންގާކަމަށް އެނާގެ ސަރުކާރަށް ތުހުމަތު ކުރެވިފައެވެ.
އޭނާގެ މައި ވާދަވެރިޔާ، ޓުންޑޫ ލިއްސޫ، މިހާރު ދަނީ ގައުމަށް ޚިޔާނާތްތެރިވި ކަމުގެ ދައުވާގައި މަރުގެ އަދަބު ލިބިދާނެ ކަމަށް ބެލެވޭ ޝަރީއަތަކާ ކުރިމަތިލަމުންނެވެ. އަދި އޭނާގެ ޕާޓީ ޗަދޭމާ އަށް އިންތިޚާބުގައި ވާދަކުރުން ވަނީ މަނާކޮށްފައެވެ. އިދިކޮޅު އަނެއް މުހިންމު ކެންޑިޑޭޓް، އޭސީޓީ-ވަޒާލެންޑޯ ޕާޓީގެ ލުހާގާ އެމްޕީނާގެ ކެންޑިޑެސީ ވަނީ އިދާރީ ސަބަބުތަކާ ހުރެ ބާތިލުކޮށްފައެވެ.







