މި ވީޑިއޯ އަކީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅު ފެންމަތިވި ވީޑިއޯއެކެވެ. އޭގައި ފަލަސްޠިނު މީހާ ކަނު ބަނދެފައިވާ މަންޒަރާއި ސިފައިންގެ ގްރޫޕަކުންް އޭނާކައިރިއަށް ލެފިގަންނަ މަންޒަރު ފެނެއެވެ. އަނެއް ބަޔަކު ދިޔައީ އެ މީހުންގެ އަމަލުތައް ނިވާކުރުމަށް ޝީލްޑްތައް ޖައްސައި ފަރުދާކޮށް ދެމުންނެވެ. ހުކުރު ދުވަހު އިސްތިއުފާ ދެމުން ތޯމަރ-ޔެރޫޝަލްމީ ބުނެފައި ވަނީ ޔަހޫދީ މަސްއޫލުވެރިން މިމައްސަލާގެ ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންދިޔަ ކަމަށާއި ކަނާތު ފިޔައިގެ ސިޔާސީ ބާރުތަކުން ދައުވާ ނުކުރުމަށް އޭނާއަށް ފިއްތަނީ ކަމަށެވެ.
ޔަހޫދީ ސިފައިން ވަނީ 15 މިނެޓަށްވުރެ ގިނައިރު ވަންދެން ގައިދީ ރޭޕްކޮށްފައެވެ. އަދި އެއަށްފަހު އޭނާގެ ގައިގައި ކޮޅުފައިން ޖަހައި މުގުރުން ތަޅައި ހަދާފއި ވެއެވެ. ފަލަސްޠީނު ގައިދީގެ ބޮލަށް ހަމަލަތައްވެސް ދީފައި ވެއެވެ. ހާރެޓްޒް ނޫހަށް ލިބުނު މެޑިކަލް ރިކޯޑްތަކުން ދައްކާ ގޮތުގައި، އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެއެވެ. އަދި ފަހުން އޮޕަރޭޝަނެއްވެސް ކުރަން ޖެހުނު ކަމަށް ވެސް ދައްކައެވެ.
މި ޙަމަލާއާ ގުޅިގެން ސިފައިން ގެ 9 މީހަކު ހައްޔަރުކުރެވުނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަރަށް އަވަހަށް ދޫކޮށްލި އެވެ. ފަހުން ފަސް މީހެއްގެ މައްޗަށް ދަޢުވާ ކޮށްފައި ވެއެވެ. އެ ދައުވާއަކީ ރޭޕް ކުރުމުގެ ދައުވާއެއް ނޫނެވެ. ނަމަވެސް އަނިޔާ ކުރި ކަމަށް ބުނާ ދައުވާތަކެވެ.
ގައިދީ ރޭޕްކުރި ޔަހޫދީން ހައްޔަރު ކުރުމާ ގުޅިގެން އެންމެ ހަރުކަށި ސިޔާސީ ފަރާތްތަކުން ވަނީ ޖަލަށް ވަދެ އިޙްތިޖާޖު ކޮށްފައެވެ.
ޔަހޫދީންގެ ހެރިޓޭޖް މިނިސްޓަރު އަމިހާއި އެލިޔާހޫ ވަނީ ސުދޭ ތައިމަން ޖަލަށް ވަދެ ޔަހޫދީ ސިފައިން ކަން ކުރީ ރަނގަޅަށް ކަމަށް ބުނެ އެމީހުންނަށް ސަޕޯޓުކޮށްފައެވެ.
ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާ ބެން-ގްވީރް ވަނީ އަދިވެސް ސިފައިން އިތުރަށްވެސް އެފަދަ ކަންކަން ކުރަންވީ ކަމަށް ބުނެ ހިތްވަރު ދީފައެވެ.
ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ ފަލަސްޠީނު މީހާ ރޭޕް ކުރި މީހުންނަކީ ބަޠަލުން، ކަމަށް ސިފަކޮށްފައެވެ.
ޔަހޫދީން ހިންގާ ސުދޭ ތައިމަން ޖަލަކީ އެމެރިކާގެ އަނިޔާވެރި ގުއަންޓަނާމޯ ބޭ ޖަލުފަދަ އަނިޔާވެރި ތަނެއް ކަމަށް ސީއެންއެންގެ ރިޕޯޓެއްގައިިވެސް ބުނެފައި ވެއެވެ.
ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ފަލަސްޠީނު އާއިލާތަކާ ހަވާލުކުރި އެ ޖަލުގައި ޝަހީދުވި ފަލަސްޠީނު މީހުންގެ ތެރެއިން 135 ގެ ހަށިގަނޑުން ވެސް ބޮޑެތި އަނިޔާގެ އަސަރުތައް ފެނިފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޙީ ދާއިރާއިން ބުނެފައި ވެއެވެ.




