ޣައްޒާ ހަނގުރާމައިން އެނބުރި އަންނަ ޖެނޮސައިޑް ސިފައިން: ޖިސްމާނީ އަދި ނަފްސާނީ ޒަޚަމްތަކާއެކު

އިސްރާއީލުގެ ސިފައިންގެ ތެރެއިން ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައިގެ މައިދާނުން އެނބުރި އަންނަ ސިފައިންނަށް ކުރިމަތިވަމުންދާ ނަފްސާނީ އަދި ޖިސްމާނީ ޒަޚަމްތަކުގެ ވާހަކަތައް މިހާރު ދަނީ އިތުރަށް ހާމަވަމުންނެވެ. މި ސިފައިންގެ ތެރެއިން ބައެއް މީހުން ވަނީ ހަނގުރާމައިގެ ސަބަބުން ލިބުނު ނަފްސާނީ ވޭނާއި ޒަޚަމްތަކުގެ ސަބަބުން ހިމޭންކަމާއި ރުޅިވެރިކަމާއި ނުތަނަވަސްކަމުގެ ތެރެއަށް ގެއްލިފައެވެ. އެއް ބަޔަކު ދަނީ އެކުގައި މަސައްކަތްކޮށް، ފަރުވާ ހޯދައި، ވާހަކަ ދައްކައިގެން އަލުން ދިރިއުޅުން ބިނާކުރުމަށް މަސައްކަތްކުރަމުންނެވެ.

ޣައްޒާގައި ހަނގުރާމަކުރި ޒުވާން ސިފައިންގެ ނަރުހެއް ކަމަށްވާ ޔިސްރާއީލް ހަޔާތާއި އޭނާގެ އެކުވެރިންނާ ބެހޭ ގޮތުން ފްރާންސްގެ ލުފިގާރޯއިން ގެނަސްދިން ރިޕޯޓެއްގައި ބުނި ގޮތުގައި ހަޔާތުގެ އެއް ހުވަފެނަކީ އޭނާގެ ބޮލަށް މީހަކު ވަޒަނެއް އަމާޒުކޮށް ފޮނުވައި ދިނުމެވެ. އޭނާ ސިފަކުރަނީ އޭނާއަކީ ހިނގާބިނގާ އުޅޭ މަރުވެފައިވާ ގަބުރެއް ފަދަ މީހެއް ކަމަށާއި، ދިރިއުޅުމުގެ އެއްވެސް ހިތްވަރެއް އޭނާގެ ކިބައިގައި ނެތް މީހެއް ކަމަށެވެ. ޖެނޮސައިޑް ހަނގުރާމައިގެ ޚިދުމަތުން ވަކިވުމަށްފަހު، ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) ގެ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ ހަޔާތު، އިސްރާއީލުގެ ޕާލަމެންޓްގެ މެންބަރުންގެ ކުރިމަތީގައި ހަޅެއްލަވަމުން އޭނާގެ ވޭންތައް ކިޔައި ދިނެވެ. އޭނާ ބުނި ގޮތުގައި އޭނާ އާއި އެނބުރި އައި އޭނާގެ އެކުވެރި އެހެން ސިފައިންނަށްވެސް ދިމާވެފައިވާ ނަފްސާނީ ހާލަތާ ހެދި ދިރިއުޅުމަށް އެކަށީގެންވާ ހާލަތެއް ނެތެވެ.

މި ސިފައިންގެ މީހާ ބުނެފައިވަނީ، "އެކުވެރިންގެ ހަށިގަނޑު އުފުލަން ޖެހުމުގެ އިހުސާސް ތިޔަ ބައިމީހުންނަށް އެނގޭތޯ؟ އަހަރެން ހިމޭނުން އިންނަ ކޮންމެ ފަހަރަކު، ސިފައިންގެ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ތަސަވުރު ވެގެންދޭ، އަހަރެންގެ އެކުވެރިން އަހަރެންގެ ލޯ ކުރިމަތީގައި ގޮވައިގެންދާތަން ފެނޭ. އަހަރެން ކޮންމެ ދުވަހަކުވެސް އަމިއްލައަށް މަރުވާން މަސައްކަތްކުރަން. ނަފްސާނީ ޑޮކްޓަރަކު އަހަންނަށް ދުވާލަކު 15 ގުޅަ ބޭސް ކާން ދީފައިވޭ. އެއީ އެންމެ ގުޅައަކުންވެސް ޖަނަވާރަކަށް ނިދި ގެނަސްދޭ ވަރުގެ ބާރުގަދަ ބޭސް. ކަލޭމެން އަހަންނަށް ފަރުވާއެއް ހޯދައި ދީ." މިފަދައިންނެވެ.

ޖެނޮސައިޑް ފޯސްއަށް އިސްރާއީލުން މިދިޔަ ދެ އަހަރު ތެރޭގައި 500،000 ސިފައިން ހަނގުރާމައަށް ނެރެފައިވެއެވެ. އޭގެ ތެރެއިން އެތައް ހާސް މީހުން މަރުވެ، ބައި ލައްކައާ ގާތް ކުރާ އަދަދަކަށް މީހުން ނުކުޅެދި ޒަޚަމްވެފައިވެއެވެ.

އެ ނޫހުން ގެނަސްދިން އެހެން ޔަހޫދީއެއް ކަމަށްވާ އުމުރުން 25 އަހަރުގެ ޔޯއާވްގެ ވާހަކައިގައި ބުނީ އޭނާއަކީ ހަނގުރާމަ ކައިރިން ތަޖުރިބާ ކޮށްފައިވާ މީހެއް ކަމަށާއި ހަމަނުޖެހުމާއި ބިރުވެރިކަން ތަޖުރިބާކޮށްފައިވީ ނަމަވެސް، ހަނގުރާމަ ފެށުމުގެ ސަބަބާ މެދު ސުވާލު އުފައްދާކަށް އޭނާ ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް، ސިޔާސީ ނިންމުންތަކާ މެދު އޭނާ ހިތްހަމައެއް ނުޖެހެއެވެ. އޭނާ ބުނާ ގޮތުގައި، "ދުނިޔޭގެ މީހުންގެ ނަޒަރުގައި އަހަރަމެން ޔަހޫދީންނަކީ ހައްދުފަހަނަޅާފައިވާ ބަޔެއް ކަމަށް ބަލައެވެ. ނަމަވެސް އެއީ ތެދެއް ނޫނެވެ. އަހަރެންގެވެސް އަމިއްލަ އަޚްލާޤީ އަގުތަކެއް އެބަހުއްޓެވެ، އަދި އަހަރެން ނަފްރަތު ކުރުން އިޚްތިޔާރެއް ނުކުރަމެވެ. ހިތާމައަކީ ނަތަންޔާހޫ ވަނީ އަހަރަމެން ޔަހޫދީންނަކީ ނުލަފާ ޝައިޠާނުން ކަމަށް ދައްކާފައެވެ.  އޭނާ ވެރިކަމުގައި ދެމިހުރުމަށްޓަކައި މި ހަނގުރާމަ ދިގުދައްމާ ފައިވެއެވެ." ލަފިގާރޯއަށް  އޭނާ ކިޔައި ިދނެވެ.

ޔޯއާވްގެ ނަޒަރުގައި މި ހަނގުރާމަ ދެމިގެންދިޔައީ ބޭނުންވާ ވަރަށްވުރެ ދިގު މުއްދަތަކަށެވެ. އޭނާއަށް ދިމާވާ ނަފްސާނީ އަލާމާތްތަކުގެ ވާހަކަ ދައްކަނީ ލަދުވެތިކަމާއެކުގައެވެ. އޭނާ ބުނާ ގޮތުގައި ކުއްލިއަކަށް ނުތަނަވަސް ހާލަތެއް ވެރި ވެދެއެވެ. އަދި ހަމަލާތަކުގެ، ހަނދާންތައް އަލުން ތަކުރާރުވާން ފަށައެވެ. އަދި އޭނާގެ ބައެއް އެކުވެރިންގެ ހާލަތު މާބޮޑަށް ގޯސްކަމަށް ބުންޏެވެ.

 

ހިއްސާ ކުރައްވާ!