ޓެސްލާއިން މަސްކަށް ދޭ 1 ޓްރިލިއަން ޑޮލަރުގެ ހަގީގަތަކީ ކޮބާ؟

މިއީ 10 އަހަރުގެ ތެރޭގައި އޭނާއަށް ލިބޭނެ އިނާޔަތްތަކެއްގެ ވާހަކައެވެ. މަސްކަކީ ޓެސްލާ ކުންފުނިން މުސާރަ ލިބޭ މީހެއް ނޫނެވެ. އޭނާއަށް މި 1 ޓްރިލިއަން ޑޮލަރު ލިބޭނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެއް އޭގެ ވަގުތުގައި އޭނާ ހާސިލުކޮށް ދެއްކުމުންނެވެ.

އަދި މި އެއް ޓްރިލިއަން ޑޮލަރު މަސްކަށް ލިބެނީ އެއް ފަހަރާއެއް ނޫނެވެ. އަދި މަހުން މަހަކަށްވެސް ނޫނެވެ! އަދި މިއީ މުސާރައަށް ދޭ ފައިސާއެއް ވެސް ނޫނެވެ.

މިފައިސާ އޭނާއަށް ހައްގު ވާނެ ގޮތަކީ:

ޓެސްލާ ކުންފުނީގެ އަގު 8.5 ޓްރިލިއަން ޑޮލަރަށް މަތިކޮށް ދިނުމެވެ. މި ލަނޑުދަނޑި ހާސިލުކުރުމުން މި އިނާޔަތްތައް އޭނާއަށް ލިބޭނީ 12 ބަޔަކަށް ބަހާލައިގެންނެވެ.

  • ފުރަތަމަ ބައިވެސް އޭނާއަށް ހައްގުވާނީ ޓެސްލާ ކުންފުނީގެ އަގު ބާޒާރުގައި 2 ޓްރިލިއަން ޑޮލަރަށް އެރުމުންނެވެ.
  • އަދި 2035 އާހަމައަށް ޓެސްލާއަކީ 8.5 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ހަދަން ޖެހެއެވެ.
  • އަދި 7.5 އަހަރު ދުވަސްވަންދެން ކުންފުނި ހިންގަން ސީއީއޯގެ މަގާމުގައި ހުންނަން ޖެހެއެވެ.

މި 12 ބައިން ކޮންމެ ބައެއްވެސް އޭނާއަށް ހައްގުވާނީ އެ ބަޔަކަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކަށް ވާސިލުވުމުންނެވެ. އަދި ލަނޑުދަނޑި ހާސިލު ނުކުރެވޭނަމަ މަސްކަށް އެއްވެސް އެއްޗެއް ނުލިބޭނެއެވެ.

  • ލަނޑުދަނޑި ހާސިލުވުމުން ޓެސްލާގެ ހިއްސާތައް އަގު ހެޔޮކޮށް ގަތުމުގެ ހައްގު އޭނާއަށް ލިބޭނެއެވެ. އަދި އޭނާއަށް ފައިދާއާއެކު އެ ހިއްސާތައް ވިއްކޭނީ ހިއްސާގެ ބާޒާރުގައި ޓެސްލާގެ ހިއްސާގެ އަގު ބޮޑުވެއްޖެ ނަމަ އެވެ.
  • ހުރިހައި ކަމެއް ރަނގަޅަށް ދާނަމަ، މި 1 ޓްރިލިއަން ޑޮލަރު ލިބޭނީ 10 އަހަރު ދުވަސް މަތިންނެވެ.
  • އެއީ އަހަރަކަށް 100 ބިލިއަން ޑޮލަރު އަދި މަހަކަށް ގާތްގަނޑަކަށް 8.3 ބިލިއަން ޑޮލަރުގެ ނިސްބަތުންނެވެ.
  • ޓެސްލާގެ ބޯޑުން ނިންމާފައިޥާ ލަނޑުދަނޑިތައް އޭނާއަށް ހާސިލު ނުކުރެވޭނަމަ އޭނާއަށް އެއްވެސް އެއްޗެއް ނުލިބޭނެއެވެ.

މިއީ ހަގީގީ ފައިސާއެއް ނޫނެވެ. އެއީ ކުރިމަގުގައި ޓެސްލާގެ ހިއްސާއިން އޭނާއަށް ލިބޭނެ އިނާޔަތްތަކެވެ.

ދިވެހި ރުފިޔާއިން ބަލާއިރު މަސްކުގެ 1 ޓްރިއަން ޑޮލަރަކީ ކިހާވަރެއް؟

  • 1 ޓްރިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކޮށްފިނަމަ އެއީ:
  • ގާތްގަނޑަކަށް 15,420,000,000,000 (15.42 ޓްރިލިއަން ދިވެހި ރުފިޔާ: : އެކަކަށް ފަހު 13 ސުން)

ދިވެހިރާއްޖޭގެ އިގްތިސާދަށް މިފައިސާ ވައްދާނަމަ:

  • ދިވެހިރާއްޖޭގެ 1000 އަހަރުގެ ބަޖެޓު ހިންގަން މި ފައިސާ ފުދޭނެއެވެ.
  • ރައްޖޭގެ ކުރިމަގުގެ އާބާދީއަށް ބަލައިގެން އެތައް މިލިއަން މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދިނުމަށް ލަގްޒަރީ ފްލެޓްތައް ބިނާ ކުރެވިދާނެއެވެ.
  • އެތައް ގަރުނެއް ވަންދެން ދިވެހިންގެ އެތައް ޖީލަކަށް ހިލޭ ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދެވިދާނެއެވެ.
  • މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލްތައް ބިނާކޮށް ހިންގިދާނެއެވެ.
  • އިއާދަކުރަނިވި ހަކަތައަށް މުޅި ރާއްޖެ ބަދަލުކޮށްލެވިދާނެއެވެ. ތެޔޮ އިމްޕޯޓް ކުރުން އަބަދަށްޓަކައި ނިމުމަކަށް ގެނެވިދާނެއެވެ.
  • މުރަކަތައް ހިމާޔަތްކޮށް އައްސޭރިފަށުގައި ބޮޑު ހިލަޖަހައި މޫސުމަށް ރައްކާތެރި ޖަޒީރާތައް ބިނާ ކުރެވިދާނެއެވެ.

އޭގެ އިތުރުން މިފައިސާ ރާއްޖޭގައި އިންވެސްޓު ކުރަން ނިންމައިފިނަމަ:

  • ރާއްޖޭގެ ހުރިހައި ރިސޯޓެއް ގަނެފައި އިތުރު ރިސޯޓްތައް ގަތުމަށްވެސް ފައިސާ ބާކީ ހުންނާނެއެވެ.
  • 10 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް މަހަކު 430،000 ދިވެހި ރުފިޔާ ދެވިދާނެއެވެ.
ހިއްސާ ކުރައްވާ!