ހަމުގެ ކުލަ އަނދިރިކަމުން މިސް ޔުނިވާސް ޕާކސިްތާނާ ދިމާކޮށް ފާޑު ކިޔައިފިއެވެ. މި އަހަރު ތައިލެންޑްގައި ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ޕާކިސްތާން ތަމްސީލުކުރާ ރޯމާ ރިޔާޒްއަކީ ޕާކިސްތާނު ދޮން ކުލައިގެ މީހުންނާ ޚިލާފަށް ހަމުގެ ކުލަ އަނދިރި މީހެކެވެ. އޭނާގެ ހަންގަނޑުގެ ކުލައާ ގުޅޭގޮތުން މީސްމީޑިއާގައި އޭނާއާ ދިމާކުރުމުން ބުނެފައި ވަނީ އޭނާގެ ހަންގަނޑުގެ ކުލައަކީ ޕާކިސްތާނުގެ ބިމުގެ ކުލަ ކަމަށެވެ.
ރޯމާ ރިޔާޒް ގަބޫލުކުރާ ގޮތުގައި އޭނާގެ ހަންގަނޑުގެ ކުލައިން ދައްކުވައިދެނީ އޭނާގެ ގައުމުގެ ހަގީގީ ރޫހެވެ.
އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރު ވީޑިއޯ ކްލިޕެއް ހިއްސާ ކުރަމުން ރޯމާ ރިޔާޒް ބުނެފައި ވަނީ "އަހަރެންގެ ހަންގަނޑުގެ ކުލައަކީ ޕާކިސްތާނުގެ ބިމުގެ ކުލައެވެ. އަދި އެއީ އަހަރެމެންގެ ގައުމު ހިތުގައި ބާއްވައިގެން އުޅޭ އަންހެނުންގެ ހަންގަނޑުގެ ކުލައެވެ."
މިސް ޔުނިވާސް މުބާރާތުގައި ޕާކިސްތާން ތަމްސީލުކުރާ މި ބައިވެރިޔާއަށް ކުރިމަތިވި ނަސްލީ ތަފާތުކުރުމުގެ ވާހަކަތައް ކުށްވެރިކޮށް މީހުން ވަނީ ފާޑު ކިޔާފައެވެ.






