ދެވަނަ ކައިވެންޏަށް ޕާކިސްތާނުގެ 40 އިންސައްތަ ތާއީދުކުރޭ،

ޕާކިސްތާނުގައި ދެވަނަ ކައިވެންޏަށް ކުރުމާ މެދު ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށް ގެލަޕް ޕާކިސްތާނުން ހެދި އެންމެ ފަހުގެ ސަރވޭއިން ދައްކާ ގޮތުގައި، 40 އިންސައްތަ ޕާކިސްތާނުގެ ރައްޔިތުން ދެވަނަ ކައިވެންޏަކަށް ތާއީދުކުރެ އެވެ. ނަމަވެސް، 60 އިންސައްތަ މީހުން ވަނީ ދެވަނަ ކައިވެންޏަކާ މުޅިން ދެކޮޅު ހަދާފަ އެވެ.

މި ސަރވޭގެ ނަތީޖާއިން ހާމަވާ ގޮތުގައި، 60 އިންސައްތަ ޕާކިސްތާނުގެ ރައްޔިތުން ދެވަނަ ކައިވެންޏަކަށް އެއްވެސް ހާލަތެއްގައި ހުއްދަ ދޭން ބޭނުމެއް ނުވެ އެވެ. އަނެއްކޮޅުން، 40 އިންސައްތަ މީހުން ވަނީ ވަކި ޝަރުތުތަކަކާ އެކު ދެވަނަ ކައިވެންޏަށް ތާއީދުކޮށްފަ އެވެ. އެމީހުން ބުނެފައި ވަނީ މާލީ ގޮތުން ފުދުންތެރި ނަމަ ދެވަނަ ކައިވެންޏެއް ކުރުން ހުއްދަވާނެ ކަމަށެވެ.

ދެވަނަ ކައިވެންޏަށް ތާއީދުކުރާ މީހުންގެ ތެރޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ ނިސްބަތް ބޮޑެވެ. ސަރވޭގައި ބައިވެރިވި ފިރިހެނުންގެ ތެރެއިން 50 އިންސައްތަ މީހުންނާއި އަންހެނުންގެ ތެރެއިން 30 އިންސައްތަ މީހުން ވަނީ ދެވަނަ ކައިވެންޏަށް ތާއީދުކޮށްފަ އެވެ. އަދި، 72 އިންސައްތަ ޕާކިސްތާނުގެ ރައްޔިތުން ދެކޭ ގޮތުގައި ދެވަނަ ކައިވެންޏަށް ފަހު ދެ އަނބިންގެ މެދުގައި އިންސާފުވެރިކަމާއެކު ކަންކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، 26 އިންސައްތަ މީހުން ބުނެފައި ވަނީ އެކަން ކުރެވިދާނެ ކަމަށެވެ. ދެ އަނބިންގެ މެދުގައި އިންސާފުވެރިކަން ޤާއިމުކުރުން ނުވާނެ ކަމަށް ދެކޭ މީހުންގެ ތެރޭގައި 59 އިންސައްތަ އަކީ ފިރިހެނުންނެވެ.

ދެވަނަ ކައިވެންޏެއް ކުރުމަށް ހުއްދަ ދޭންވާނީ ކޮން ހާލަތްތަކެއްގައިތޯ ސުވާލުކުރުމުން 39 އިންސައްތަ މީހުން ބުނެފައި ވަނީ، ދަރިން ނުލިބޭ ނަމަ ދެވަނަ ކައިވެންޏެއް ކުރެވިދާނެ ކަމަށެވެ. 15 އިންސައްތަ މީހުން ދެކޭ ގޮތުގައި ދެ އަނބިންގެ މެދުގައި އިންސާފުވެރިކަން ޤާއިމުކުރުމުގެ ކުޅަދާނަކަން ހުރި ނަމަ ހުއްދަ ދެވިދާނެ ކަމަށެވެ. އަދި، 10 އިންސައްތަ މީހުން ބުނެފައި ވަނީ ދެވަނަ ކައިވެންނެއް ކުރުމަށް ފުރަތަމަ އަނބިމީހާގެ ހުއްދަ ހޯދުން މުހިންމު ކަމަށެވެ.

ހިއްސާ ކުރައްވާ!