އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން، ޖެފް ބެޒޯސްގެ ކުންފުނި ބްލޫ އޮރިޖިންގެ ބޮޑު ރޮކެޓެއް ބޭނުންކޮށްގެން މާސް ޕްލެނެޓަށް ދެ ކުޑަ ސްޕޭސްކްރާފްޓް ފޮނުވައިފިއެވެ. މި ދެ ސްޕޭސްކްރާފްޓްގެ މަޤްޞަދަކީ މާސްގައި ކުރިން އެއްވެސް ދިރުމެއް އޮތްތޯ ބެލުމެވެ.
މި މިޝަނަށް ނާސާ އިން ދީފައިވާ ނަމަކީ 'އެސްކޭޕޭޑް' އެވެ. މީގައި ހިމެނެނީ 'ބްލޫ' އާއި 'ގޯލްޑް' ގެ ނަމުން ނަންދީފައިވާ ދެ ސްޕޭސްކްރާފްޓް އެވެ. މި ދެ ސްޕޭސްކްރާފްޓްގެ މަސައްކަތަކީ މާސްގެ ވައިގެ ތެރޭގައި ހުންނަ މެގްނެޓިކް ދާއިރާ އާއި ވައި ދިރާސާކުރުމެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ މާސްގެ ޖައްވު ހިކިވެފައިވާ ސަބަބާއި އަދި މީހުންނަށް ދިރިއުޅުމަށް ދަތި ތަނަކަށް އެތަން ބަދަލުވީ ކީއްވެކަން ދެނެގަތުމެވެ.
މި ސްޕޭސްކްރާފްޓްތައް ޖައްވަށް އުފުލާލާފައިވަނީ ބްލޫ އޮރިޖިންގެ 'ނިއު ގްލެން' ރޮކެޓުންނެވެ. 321 ފޫޓުގެ މި ބޮޑު ރޮކެޓަކީ އެމެޒޮން ކުންފުނީގެ ވެރިމީހާ ޖެފް ބެޒޯސްގެ ކުންފުނިން އުފައްދާފައިވާ ރޮކެޓެކެވެ. މިއީ މި ރޮކެޓް އުދުއްސާލި ދެވަނަ ފަހަރެވެ. ބްލޫ އޮރިޖިންއަށް މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ކުރިން މާސްގައި ބޯ ވައިގެ ފަށަލައެއް ހުރި ނަމަވެސް، އޭގެ ބޮޑު ބައި ޖައްވަށް ގެއްލިފައިވާކަމަށް ޢިލްމުވެރިން ޤަބޫލުކުރެއެވެ. މިކަން ހިނގާފައިވާ ގޮތް ދެނެގަނެވިއްޖެނަމަ، މާސްގައި ކުރިން ދިރިއުޅުން އޮވެދާނެތޯއާއި އަދި މުސްތަޤްބަލްގެ ދަތުރުތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތު ލިބިގެންދާނެއެވެ.
މި ދަތުރުގެ ފުރަތަމަ މަރުޙަލާގައި ސްޕޭސްކްރާފްޓްތައް މާސްގެ ބިމުގެ ވަށައިގެން ގާތްގަނޑަކަށް އެއް އަހަރު ދުވަސް ވަންދެން ދަތުރުކުރާނެއެވެ. އެއަށްފަހު، އެ އުޅަނދުތައް މާސްއާ ދިމާއަށް މިސްރާބު ޖަހާނެއެވެ. މާސްއަށް މި ސްޕޭސްކްރާފްޓްތައް ވާސިލްވާނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރުގައެވެ. 2029 ވަނަ އަހަރާ ހަމައަށް އެ ދެ ސްޕޭސްކްރާފްޓް ކައިރިކައިރީގައި ދަތުރުކުރަމުން، މަޢުލޫމާތު އެއްކުރަމުން ދާނެއެވެ.
މި މިޝަންގެ އެންމެ ޚާއްޞަ އެއް ކަމަކީ ރޮކެޓްގެ ފުރަތަމަ މަރުޙަލާ (ތިރީ ބައި) ބްލޫ އޮރިޖިން އިން ކާމިޔާބުކަމާއެކު އެޓްލާންޓިކް ކަނޑުގއިވާ އުޅަނދަކަށް ބޭލުމެވެ. މިކަމަކީ އަލުން ބޭނުންކުރެވޭ ރޮކެޓްތަކުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.
މިފަދަ ބޮޑެތި ރޮކެޓްތައް ބޭނުންކުރުމަށްފަހު އަނބުރާ ގެނެސް އަލުން ބޭނުންކުރެވޭ ގޮތް ހެދުމަކީ ޖައްވަށް ކުރާ ދަތުރުތައް އަގުހެޔޮކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް މުހިންމު ކަމެކެވެ.
މިހާތަނަށް މިފަދަ ބޮޑެތި ރޮކެޓްތައް ބޭނުންކުރުމަށްފަހު އަނބުރާ ގެނެސްފައިވަނީ ހަމައެކަނި މަހާސާދާގަރު މަސްކުގެ ސްޕޭސްއެކްސް އިން އެކަންޏެވެ.
މި މިޝަނަކީ ހަމައެކަނި ޢިލްމީ ދިރާސާއަކަށްވުރެ ބޮޑު ކަމެކެވެ. މއިން ދައްކުވައިދެނީ ބްލޫ އޮރިޖިން ފަދަ އަމިއްލަ ކުންފުނިތައް ޖައްވީ ދަތުރުތަކުގައި މުހިންމު ބައިވެރިންނަށް ބަދަލުވަމުންދާ މަންޒަރެވެ. ނާސާއަށް މީގެން އަގުހުރި ޢިލްމީ މަޢުލޫމާތު ލިބޭއިރު، ބްލޫ އޮރިޖިން އަށް ބޮޑެތި މިޝަންތައް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ކަން ސާބިތުކޮށްދެވެއެވެ.





