ވީއަޕީ ޖަލު ގޮޅިތައް ހުރީ ހުސްކޮށް!

ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް ފަރާތަކަށް ތަފާތު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް އޮތް ޗޮއިސްއެއް ނޫނެވެ. ރައީސް މިހެން ވިދާޅުވީ، ވީއައިޕީ ޖަލު ގޮޅިތައް ހުސްކޮށް ހުރި ސަބަބާ މެދު ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެ ގޮޅިތައް ހުސްކޮށް ހުންނަނީ ސިޔާސީ ގޮތުން ބަދަލު ނުހިފާތީ ކަމަށާއި، އެތަންތަނަށް ލާނެ މީހުންނެއް ނެތް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މަސައްކަތަކީ އެ ވީއައިޕީ ގޮޅިތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުން ކަމަށެވެ. ޖަލު ގޮޅިތައް ހުސްކޮށް ހުރުމުގެ ސަބަބު ބަޔާން ކުރައްވަމުން ރައީސް ވިދާޅުވީ، "އެއީ އަޅުގަނޑު ސިޔާސީ ގޮތުން ބަދަލު ނުހިފާތީ،" ކަމުގައެވެ. އަދި ސިޔާސީ ފިކުރަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގައި މިދިޔަ ދެ އަހަރު އެކަން ސާބިތުވެފައިވާނެ ކަމަށާއި، އަދުލުވެރިކަމާއެކު ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ރައީސް މުއިއްޒު ވަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި، "އަދުލުވެރި ވެރިކަމެއްގައި އޮތް ޗޮއިސްއެއް ނޫން އޭނަ އާއި މީނަ އާއި އަނެކަކާ ތަފާތު ކުރުމަކީ. އެކަން ތަންފީޒު ވާނެ ކޮންމެ މީހަކަށް ވެސް. ސިސްޓަމް އެޕްލައި ވާނެ ކޮންމެ މީހަކަށް ވެސް." ރ ައީސް ވިދާޅުވީ އިންސާފުގެ މަގުން އެއްވެސް ވަރަކަށް ދޫދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު، ސިޔާސީ ގޮތުން އެއްވެސް މީހަކަށް "ކުރާނެ އުނދަގުލެއް" ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

ހިއްސާ ކުރައްވާ!