އެމެރިކާ އާއި އިންޑިއާގެ ދެމެދު ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރަމުންދާ ވިޔަފާރީގެ އެއްބަސްވުން މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އިންޑިއާއިން ބުނެއެވެ. މި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ބުރުތަކުގައި އެދެވޭ ނަތީޖާތަކެއް ފެނިފައިވާ ކަމަށް ވެސް އެމެރިކާ އިން ބުނެއެވެ.
އެމެރިކާ އިން މިހާރު އިންޑިއާ އާ އެކު ދެ ގޮތަކުން ވިޔަފާރީގެ މަޝްވަރާތަކުގައި މަސައްކަތް ކުރަމުން ގެންދެއެވެ. އެއް ގޮތަކީ ދެ ފަރާތަށް ވެސް ފައިދާވާނެ ވިޔަފާރީގެ އެއްބަސްވުމަކަށް ގޮސް މަޝްވަރާ ކުރުމެވެ. އަދި އަނެއް މަގަކީ އިންޑިއާ އިން ރަޝިއާގެ ތެޔޮ ގަންނަ މިންވަރާ މެދު އެމެރިކާ އިން ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް މަސައްކަތް ކުރުމެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު ވަނީ މި ދެގޮތަށް މަޝްވަރާތައް ކުރިއަށް ދާކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި އަހަރު ނިމުމުގެ ކުރިން ނަތީޖާއެއް ނެރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ސިނާއީ މުދާތަކަށް އިންޑިއާ އިން އަޅާފައިވާ ޑިއުޓީތައް ކުދަ ކުރުމުގެ މަޝްވަރާތައް ހިމެނެއެވެ. އަދި އިންޑިއާ އިން އެދެމުންދަނީ ކުރިން ލިބެމުންދިޔަ ވިޔަފާރީގެ އިނާޔަތްތައް އަލުން ލިބެމުން ދިއުމަށެވެ.
އެމެރިކާގައި އިންޑިއާގެ ޚިދުމަތުގެ ދާއިރާގެ މާހިރުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ހުޅުވާލުމަކީ ވެސް އިންޑިއާއިން ހުށަހަޅާ ކަމެކެވެ.
ހަކަތައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިންޑިއާ އިން ވަނީ ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ދީފައެވެ. ނަމަވެސް އިންޑިއާއިން ބުނެފައިވަނީ ހަކަތަ ހޯދުމުގައި އެ ގައުމުގެ ގައުމީ މަސްލަހަތުތަކާއި ކޮންސިއުމަރުންގެ ރައްކާތެރިކަމަށް އިސްކަންދޭނެ ކަމަށެވެ.
އިންޑިއާއާއި އެމެރިކާގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުމަކީ ފުން ގުޅުމެކެވެ. ދެ ގައުމުން 2024 ވަނަ އަހަރު ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތްތައް 190 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ. އަދި މި އަދަދު އިތުރު ކުރަން ދެ ގައުމުންވެސް ޝައުގުވެރި ވެއެވެ.






