ނޮރެމްބަރގް ޝަރީޢަތްތަކަށް 80 އަހަރު ފުރުން

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު ފާހަގަކުރަމުން ދަނީ ނޮރެމްބަރގް ޝަރީޢަތްތަކަށް 80 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިނގާދިޔަ ނަސްލު ނައްތާލުމުގެ ޖަރީމާތަކާއި، ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ނާޒީ ވެރިން ކުށްވެރިކޮށް، އިއްތިހާދީ ބާރުތަކުން އެމީހުންގެ މައްޗަށް ދައުވާކުރި މި ޝަރީޢަތްތައް ބޭއްވި މުނަސަބާއަށް 80 އަހަރު ވާއިރު އެއިރު އަނިޔާ ލިބުނު މީހުން މިހާރު ތިބީ ޝަރީއަތަށް ހުށަހެޅި ފައެވެ.

1945 ވަނަ އަހަރު ހަނގުރާމައިން ހަލާކުވެފައިވާ ނޮރެމްބަރގް ސިޓީގައި ބޭއްވި އިންޓަނޭޝަނަލް މިލިޓަރީ ޓްރައިބިއުނަލްއިން ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ މިންގަނޑުތައް ކަނޑައެޅިއެވެ. އެއިރު މިޖެނޮސައިޑުން އެންމެ ބޮޑަށް އަނިޔާ ލިބުނު ފަރާތްތަކަކީ ޔަހޫދީންނެވެ. ނަމަވެސް 80 ވީއިރު އެމީހުން މިތިބީ ނާޒީންގެ ފިކުރުގައި ފަލަސްޠީނުގެ ނަސްލު ނައްތާލުމުގެ މަސައްކަތުގައެވެ.

ހަނގުރާމައިގެ ފަސް މައިދާނެއްގައި ނާޒީ ޖަރުމަނަށް ނާކާމިޔާބިއާ ކުރިމަތިލާން ޖެހުނެވެ. 1945 ވަނަ އަހަރުގެ މެއި މަހު އަމާން ދިނުމަށްފަހު، އިއްތިހާދީ ލީޑަރުން ބަހުސްކުރީ ނާޒީ އޮފިޝަލުންނަށް މަރުގެ ސަޒާ އިއްވޭނެ ގޮތަކާ މެދުގައެވެ. ނަމަވެސް، އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރޮބަރޓް އެޗް. ޖެކްސަންގެ ލަފައާ އެއްގޮތަށް ގާނޫނުގެ ބާރުގައި ކުރިއަށް ދިއުމަށް ނިންމިއެވެ. އަދި ޔަހޫދީންނާ ދެކޮޅަށް ޖެނޮސައިޑް ހިންގި މީހުންގެ ޝަރިއަތް ކުރުމަށް ޓްރައިބިއުނަލް ޤާއިމުކުރެވުނެވެ.

މިޝަރީޢަތުގައި ނާޒީގެ އެންމެ އިސް 22 ވެރިންނަށް ދައުވާ ކުރިއެވެ. މި ވެރިންގެ ތެރޭގައި ހަރމަން ގޯރިންގް، ޔޯކިމް ވޮން ރިބެންޓްރޮޕް، އަދި އަލްބަޓް ސްޕީއާ ހިމެނެއެވެ. މީގެ އިތުރުން ނާޒީންގެ ހަތް ޖަމާޢަތަކަށް ވެސް ދައުވާ ކުރެވުނެވެ. އޭގެ ތެރޭގައި އެސްއެސް، ގެސްޓާޕޯ، އަދި ނާޒީ ޕާޓީ ލީޑަރޝިޕް ހިމެނުނެވެ. މި ދައުވާތަކުގެ ސަބަބުން، ވެރިކަމުގައި ތިބެގެން ކުރާ ޖަރީމާތަކަށް ޒިންމާދާރުވާން ޖެހޭނެކަން ދުނިޔެއަށް ހާމަވެގެން ދިޔައެވެ.

މިއަދު އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ދުނިޔެއިން ގޮވާލަނީވެސް މި ސަބަބާ ހެދިއެވެ. ނޮރެމްބަރގް ޝަރީއަތުން އާންމުކޮށްދިން މަފްހޫމުތަކުގެ ތެރޭގައި "ސުލްހަޔާ ޚިލާފު ޖަރީމާތައް" އަދި "އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް" ފަދަ އާ ޤާނޫނީ މަފްހޫމުތައް ތަޢާރަފްކުރިއެވެ. އަދި "ޖަރީމާތައް ހިންގަނީ ހަމައެކަނި މަތިން އަންނަ އަމުރަށް ތަބާވެގެން" ކަމަށް ބުނެ ދިފާޢުވުމުގެ ފުރުސަތު ދިނުމަށް ނޮރެމްބަރގް ޝަރިއަތުން ދެކޮޅު ހެއްޖެއެވެ. ޣައްޒާގައި ޖެނޮސައިޑް ހިންގި ޔަހޫދީ ސިފައިންނާ ދެކޮޅަށް، ހިންދު ރަޖަބް ފައުންޑޭޝަން ފަދަ މުއައްސަސާތަކުން ދަނީ މި މަފްހޫމުތައް ބޭނުން ކުރަމުންނެވެ. އަދި މިޝަރީއަތުން ކަނޑައަޅާފައި ވަނީ ދައުލަތުގެ ނަމުގައި ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކަށް ވެރިން އަމިއްލަގޮތުން ޒިންމާވާންޖެހޭ ބަޔެއް ކަމަސެވެ.

ނޮރެމްބަރގް ޝަރިއަތުގެ މަޖިލީހުން 1946 ވަނަ އަހަރުގެ އޮކްޓޫބަރު 1 ގައި ޙުކުމްތައް އިއްވުނެވެ. މި ޙުކުމްތަކުގައި މަރަން ޖެހޭ ފަރާތްތަކާއި، ދިގު މުއްދަތަށް ޖަލަށް ލެވޭ ފަރާތްތައް ހިމެނުނެވެ. ގޯރިންގް ވަނީ އޭނާ މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ކުރިން އަމިއްލައަށް މަރުވެފައެވެ. ސްޕީއާއަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވުނެވެ. ބައެއް ދައުވާ ލިބުނު ފަރާތްތައް ވަނީ ބަރީޢަވެފައެވެ.

ހިއްސާ ކުރައްވާ!