ޖެނޮސައިޑާ ގުޅިގެން ފޭލިގެތަކުގައި ދިރިއުޅެން މަޖުބޫރުވެފައިޥާ ފަލަސްޠީނު މީހުންގެ ދިރިއުޅުން އިތުރަށް އުދަނގޫ ވެފައި ވަނީ މިހާރު ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ.
އަރަބި މީޑިއާ ބުނާ ގޮތުގައި ޣައްޒާގައި ފިނިމޫސުމްގައި ވާރޭ ވެހުމުގެ ސަބަބުން ފިނި ބޮޑުވެ، ގެދޮރު ނެތް ފަލަސްތީނުގެ މީހުން ދިރިއުޅޭ ފޭލިގެތަކާއި ޔަހޫދީން ބޮން އަޅައި ހަލާކުކޮށްފައިވާ ހޮސްޕިޓަލްތަކުގައި ވަނީ ފެން ބޮޑު ވެފައެވެ.
ޖެނޮސައިޑް ހިންގާ އިސްރާއީލުން ދަނީ ޣައްޒާއަށް ޓެންޓްތަކާއި އެހެނިހެން އެހީގެ ތަކެތި ވަނުން ހުއްޓުވާފައެވެ. އަދި ޖެނޮސައިޑް ނިންމަން ބޭއްވި މަހާސިންތާގެ ވާހަކަތަކާ ޚިލާފަށް ޔަހޫދީން ދަނީ ބޮން އެޅުމުގައި ކުރިއަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ތެތް ޓެންޓުތަކުގައި ދިރިއުޅެން މަޖުބޫރުވެފައެވެ.
އިސްރާއީލު ސިފައިންގެ ހަނގުރާމަ ހުއްޓާލުމާ ހިލާފުވުންތައް ވެސް ކުރިއަށްދާއިރު، އެންމެ ފަހުގެ އޮޕަރޭޝަންގައި ފަލަސްތީނުގެ އިތުރު ހަތަރު މީހަކު ވަނީ ޝަހީދުވެފަ އެވެ.
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އިސްރާއީލުން ވަނީ 500 އަށް ވުރެ ގިނަ ފަހަރު ހަނގުރާމަ ހުއްޓާލުމާ ޚިލާފުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަން ލިބިގެން ޣައްޒާގައި އެމެރިކާގެ ކުލީ ސިފައިން އެހީ ދިނުމުގެ ނަމުގައި ހިންގި އޮޕަރޭޝަން ކަމަށްވާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުގެ މަސައްކަތް ނިންމާލަނީ ކަމަށް ވަނީ ބުނެފައެވެ.






