ޖެނޮސައިޑްގެ ޕްރެޝަރު ޔަހޫދީންނަށް އިހުސާސްވާން ފަށައިފި

ޖެނޮސައިޑާއި ހޮލޮކޯސްޓާއި ބަނޑަށް ޖެއްސުމާ ހެދި ޔަހޫދީންނަށް ކުރިމަތިވާ ފިއްތުންތަކުގެ ތެރޭގައި އެމީހުންނަށް ނިސްބަތްވާ އުފެއްދުންތައް މީހުން ނުގަތުމާއި އެމީހުން އެކަހެރި ކުރުމަކީ މިހާރު ބޮޑު މައްސަލައެކެވެ.

ޔޫރަޕްގައި ޔުނިވާސިޓީތަކާއި ދިރަސާ ކުރާ ތަންތަކާއި އެކަޑަމިކް ބޮއިކޮޓް ކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ. އޭގެ އިތުރުން ޣައްޒާގައި ޔަހޫދީ ސިފައިން ޖެނޮސައިޑް ހިންގުމަށްފަހު ގައުމުން ބޭރުވުމުން އެމީހުންގެ ބޯކޮޅު ބަލާ މީހުންވެސް ވަނީ ގިނަ ވެފައެވެ. ބައެއް ތަންތަނުން ޖެނޮސައިޑް ފޯސްގެ މީހުން ބައިތިއްބަންވެސް ދެކޮޅު ހަދައެވެ.

އޭގެ އިތުރުން ހަމާސްއިން ފަލަސްޠީނު މިނިވަން ކުރުމަށް ބިސްމި ކިޔާފައި ފެށި އަޤްޞާ ޠޫފާނާ ގުޅިގެން ޔަހޫދީ ދައުލަތުން އަމިއްލަ ރައްޔިތުންގެ ބޮލަށް ބޮން އަޅައި މީހުންނާއި މުދާތައް އަންދާލި މައްސަލާގައި އެތެރޭގައި ކޯޅުމެއް އުފެދިފައި ވެއެވެ.

މިހުރިހައި ކަމަކާއެކު ބައިނަލްއަގްވާމީ ނޫސްތަކާއި ވެބްސައިޓްތަކުން ވެސް ދަނީ ފާލުގައި ޔަހޫދީންނާއި ޖެނޮސައިޑާ ގުޅުވަމުންނެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލި ނަމަވެސް ޔަހޫދީ ޖެނޮސައިޑް ފޯސްއިން އެއްބަސްވުމާ ޚިލާފްވާ ކަމށް ދަނީ ބުނަމުންނެވެ. މިހާތަނަށް 500 ފަހަރު ޖެނޮސައިޑް ދައުލަތުން އެއްބަސްވުމާ ޚިލާފްވެފައިވާ ކަމަށް ދައްކައެވެ.

ޔޫރަޕްގައި އިސްރާއީލުގެ އެކަޑަމިކް އިދާރާތައް ބޮއިކޮޓް ކުރާކަމަށް ހާރެޓްޒް ނޫހުން ރިޕޯޓްކޮށްފައިވާއިރު، އޮކްޓޯބަރު ހަތް ވަނަ ދުވަހަށް ފަހު ފެށި ޖެނޮސައިޑާ ގުޅިގެން ރިސާޗް ދާއިރާގެ ގުޅުންތަކާއި ކޯލަބްރޭޝަންތައް ވަނީ އެއްކޮށް ހުއްޓާލާފައެވެ. އަދި ޔޫރަޕްގެ ޔުނިވާސިޓީތަކުން އިސްރާއީލުގެ މުއައްސަސާތަކާ ގުޅުން އަދި އާކޮށްފައި ނުވާކަން ވެސް ހާރެޓްސް ނޫހުގައި ފާހަގަކޮށްފައިވެ އެވެ.

އެ ނޫހުން އިތުރަށް ބުނީ އެމެރިކާއަކީ އިސްރާއީލުގެ އެންމެ ބޮޑު ރިސާޗް ޕާޓްނަރު ކަމަށެވެ. އަދި އެމެރިކާގެ ބައެއް އެކަޑެމިކް އިދާރާތަކުންވެސް ޖެނޮސައިޑް ހިންގި ގައުމާ ގުޅެން ފަސްޖެހޭ ކަމަށް ބުނެފައި ވެއެވެ.

ކުރިއަށް އޮތް މުއްދަތުގައި އިސްރާއީލުގެ ޔުނިވާސިޓީތަކަށާއި ރިސާޗް ކުރާ ޔަހޫދީ ފަރާތްތަކަށް އޭގެ އަސަރު ބޮޑުވާނެ ކަމުގެ އިންޒާރުދީފައި ވެއެވެ.

މިވާހަކައަށް ރިޕޯޓު ކުރި އަނެއް ނޫސްކަމަށްވާ ދަ ޖެރޫސަލަމް ޕޯސްޓުން ވަނީ ޣައްޒާގައި އިޒްރޭލުގެ ޖެނޮސައިޑް ސިފައިންގެ އަމަލުތަކަށް ފާޑުކިޔުންތައް އިތުރުވަމުންދާ ކަމީ ކަންބޮޑު ވާން ޖެހޭ ކަމެއް ކަމަށްވެސް ބުނެފައެވެ.

އެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ބަޔަކު ޖެނޮސައިޑްގައި މަރާލުމާއި އިންފްރާސްޓްރަކްޗާތައް ފުޅާދާއިރާއެއްގައި ނައްތާލުމާއި ބަނޑަށް ޖެއްސުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާއި ފަލަސްތީނުގެ ރަހީނުން ރޭޕްކޮށް ލިވާޠު ހިންގައި އަނިޔާކުރުން ފަދަ އަމަލުތައް ވަނީ ބައިނަލްއަގްވާމީ ސަމާލުކަމަށް އައިސްފައެވެ.

ހިއްސާ ކުރައްވާ!