ޕާކިސްތާންގެ މުދލަށް ޔޫރަޕްގެ ޖަމާއަތުން ދޭ އިނާޔަތްތައް މުރާޖައާ ކުރުމުގހެ މަސައްކަތް ޔޫރަޕްގެ މިޝަން އިން އިސްލާމްއާބާދުގައި ފަށައިފިއެވެ. އީޔޫގެ ވަފްދުގެ ދަތުރަކީ، އިންތިޚާބީ ނަޒާހަތްތެރިކަމާއި ބައިމަދު މީހުންގެ ހައްގުތަކާ ގުޅޭ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރާ ދަތުރެއް ކަމަށް ބެލެވެއެވެ. މި ދަތުރުގައި ޔޫރަޕިއަން ޔޫނިއަން އިން ޕާކިސްތާނުގެ ޖީއެސްޕީ+ ވިޔަފާރީގެ އިމްތިޔާޒުތައް ރިވިއު ކުރާނެއެވެ.
ޖީއެސްޕީ+އަކީ، ޖެނެރަލައިޒްޑް ސްކީމް އޮފް ޕްރިފަރެންސް ޕްލަސް (ޖީއެސްޕީ+) ފްރޭމްވޯކެވެ. މިއޮނިގަނޑުގެ ދަށުން ޕާކިސްތާނަށް ދީފައިވާ އިމްތިޔާޒުތައް ދެމެހެއްޓުމަށްޓަކައި އިންސާނީ ހައްގާ ބެހޭ ކަންތައްތަކެއް ބަލާނެއެވެ. ޕާކިސްތާންގައި ދާދި ފަހުން ބޭއްވި ދެ ބައި އިލެކްޝަނެއްގައި އޮޅުވާލުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި ޚައިބަރު ޕަޚްތުންޚްވާގައި ޕަޝްތޫން މައިނޯރިޓީ ގްރޫޕްތަކަށް އަމާޒުކޮށްގެން އަސްކަރީ އޮޕަރޭޝަންތަކެއް ހިންގާތީ އެކަމާ މެދުވެސް ބަލާނެ ކަމަށް ވެއެވެ.
- އިންތިޚާބީ މައްސަލަތައް: ފަހުގެ ބައި އިލެކްޝަންތަކުގައި އޮޅުވާލުމުގެ އަމަލުތައް ހިންގި ކަމަށް ބުނެ ވީޑިއޯތަކާއި ރިޕޯޓްތައް ވަނީ ފެންމަތިވެފަ އެވެ. ޕާލަމެންޓްގެ 185 ވަނަ ގޮނޑީގެ އިންތިޚާބުގައި އޮޅުވާލުމާ ގުޅިގެން ކެންޑިޑޭޓް ދޯސްތު މުހައްމަދު ޚޯސާ ވަނީ ކަންބޮޑުވުން ފާޅުކޮށް ފައެވެ. އެއާ ގުޅިގެން ޕީޕީއެމްގެ ލީޑަރު ރާޖާ ޕަރްވޭޒް އަޝްރަފް ވަނީ ތަހުގީގެއް ހިންގުމަށް އެދިފަ އެވެ.
- ބައިމަދު މީހުންގެ ހައްގުތަކާ ހިލާފުވުން: ޕެޝަވާރުގައި ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ޕަޝްތޫން ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތައް ހިންގާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
- އީޔޫ އިން ދެކޭ ގޮތް: ދަ އިކޮނޮމިކް ޓައިމްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންތިޚާބުގައި މަކަރު ހެދުމާއި އިންސާނީ ހައްގުތަކާ ހިލާފުވުން އޮތް ކަމަށް ފެންނަނަމަ، ޕާކިސްތާނުގެ ޖީއެސްޕީ+ ރިވިއުގައި "ސީރިއަސް ނާކާމިޔާބީއެއް" ލިބޭނެ ކަމަށް ބުނެއެވެ.
ޕާކިސްތާނުގެ ޖީއެސްޕީ+ އިމްތިޔާޒަކީ، އީޔޫގެ މާކެޓްތަކަށް ފަސޭހައިން މުދާ އެކްސްޕޯޓު ކުރުމަށް ވަދެވޭ ގޮތަށް ފަހިކޮށްދީފައިވާ ނިޒާމެކެވެ. މިއީ ޕާކސްތާންގެ އުނދަގޫ އިގްތިސާދަށް މުހިންމު ފުރުސަތެކެވެ. އަދި އެއްވެސް ސަސްޕެންޝަނެއް ނުވަތަ ދަތިކުރުމުގެ ފިޔަވަޅަކީ، ޕާކިސްތާންގެ އެކްސްޕޯޓްތަކަށް، ޚާއްސަކޮށް ފޭރާމުގެ ސިނާއަތަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެކެވެ.
ޖީއެސްޕީ+ ދީފައިވާ ގައުމުތަކުން، އިންސާނީ ހައްގުތަކާއި، މަސައްކަތު މީހުންގެ ހައްގުތަކާއި، ތިމާވެށި ހިމާޔަތްކުރުމާއި، ހެޔޮ ވެރިކަން ކުރުމާ ބެހޭ ބައިނަލްއަގްވާމީ 27 މުއާހަދާއަކަށް ތަބާވާން ޖެހެއެވެ.




