ނޫސްވެރިކަމާއި ޕޮލިޓިކަލް އެކްޓިވިޒަމާ ދެމެދު ތަފާތުކުރައްވައި، ނޫސްވެރިކަމަކީ ވަރަށް ހުނަރުވެރިކަމާއެކު "ޕްރޮފެޝަނަލީ" ހިންގަން ޖެހޭނެ ދާއިރާއެއް ކަމަށް ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރު ފިޔަވައި ނޫސްވެރިންނަށް ތަނަވަސްކޮށް ފުރުސަތުތައް ދިން ސަރުކާރެއް ނެތް ކަމަށާއި، ނަމަވެސް ނޫސްވެރިކަމަކީ ޒިންމާދާރު ކަމާއިއެކު ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، "ތިމަންނާމެންގެ ޕޮލިސީއަކީ ސަރުކާރާއި ދެކޮޅު ޕޮލިސީއެކޭ" ކިޔައި، އިއުލާނުކުރުމުން ނޫސްވެރިކަމުގެ ޕްރޮފެޝަނަލްކަން ގެއްލިގެން ދެއެވެ. ނޫހެއްގެ އެޑިޓޯރިއަލްއަކީ ސަރުކާރާއި ދެކޮޅު ޕޮލިސީއެއް ކަމަށް ވިދާޅުވުމަކީ ނޫސްވެރިކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ވަކި އަތަކަށް ޖެހިގެން ކުރާ ކަމެއް ނޫން ކަމަށާއި، އެގޮތަށް ކަން ހިނގާކަމަށް ވާނަމަ އެއީ ސިޔާސީ އެކްޓިވިސްޓުންގެ ގޮތެއް ކަމަށެވެ. ނޫސްވެރިކަމަކީ ހަމައަށް ދެ ފަރާތުގެ ވާހަކަ ގެނަސްދޭ އެއްޗެއް ކަމަށާއި، އެ މަސައްކަތުގައި ދެފަރާތް ރަނގަޅަށް ބަލައިގެން ހުށަހަޅަން ޖެހޭ ކަމެއް ކަމަށާއި ”ކޮންމެ ވާހަކައެއްގައިވެސް 2 ފަރާތް ގެންނަން ޖެހޭ. ތެދުބަހުން ވާހަކަ ދައްކަން ޖެހޭނީ. ފަސްކާފު" އޮންނަ ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ނޫސްވެރިކަމާ ބެހޭ ޤާނޫނަކުން ކޮމިޝަނެއް ހަދާފައިވާ ކަމަށާއި، މިހާހިސާބަށް އައިއިރު، އެ ކޮމިޝަނުން އެއްވެސް ނޫހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ފަރާތަކުން ދައްކަން ބޭނުންވާ ވާހަކައަކަށް މި ސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ތަނަވަސްކަމާއެކު ހުޅުވިފައި ކަމަށެވެ.
އެހެންނަމަވެސް، ރައީސް ވިދާޅުވީ ޤާނޫނުއަސާސީއާއި އިސްލާމް ދީނުގެ ހުދޫދާއި ޚިލާފު ވާހަކައަކާއި، އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތު މި ސަރުކާރުން އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި ނޫސްވެރިންނާ ބައްދަލުކުރެއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ އެދުވަހު އެމަނިކުފާނު ނޫސްވެރިންގެ ސުވާލުތައް ނިމެންދެން ހުންނެވިކަމަށެވެ.





