މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާގެ ފަރާތުން ހިންގަމުންދާ އުދުވާނީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައި، ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ އޭގެ ނޭދެވޭ އަސަރު ކުރަން ފަށާފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ ހަތް ދުވަހު ރާއްޖެއަށް ޒިޔާރަތްކުރީ 34,908 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 45,959 ފަތުރުވެރިންނާ އަޅާބަލާއިރު 23.4 ޕަސެންޓް ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެގޮތުން މިއަދުވެސް ގިނަ ފްލައިޓްތަކެއް ކެންސަލްވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި މެދުއިރުމަތީގެ މަޝްހޫރު އެއާލައިންތައް ކަމަށްވާ ފްލައި ދުބާއީ، އެއާ އަރަބިއްޔާ، އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް، އެމިރޭޓްސް އަދި ގަލްފް އެއާ ހިމެނެއެވެ.
ފަތުރުވެރިންގެ އަދަދު ދަށަށް ދިޔުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފްލައިޓްތައް ކެންސަލްވުމެވެ. މި ހާލަތުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް ދަތުރުކުރަން ރާވާފައިވާ ގިނަ ބަޔަކަށް ވަނީ ދަތުރުތައް މެދުކަނޑާލަން ޖެހިފައެވެ.
މި މަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، މުޅި އަހަރުގެ ޖުމްލަ ތަފާސްހިސާބުތަކަށް ބަލާއިރު އަދިވެސް އޮތީ ކުރިއެރުމެކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓް އިތުރުވެފައެވެ.


