މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ގެންގުޅެނީ ވަށާޖެހޭ ދުސްތޫރީ އިސްލާޙުތަކެއް ކަމަށް ބަންޑާރަނައިބު (އޭޖީ) ހާމަކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭޖީ މިފަދައިން ވިދާޅުވީ ސަރުކާރުން ބައެއް މުހިންމު ދުސްތޫރީ ކަންކަން އިސްލާޙު ކުރުމުން މަޑުޖައްސައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ އިސްލާހަށް މަސައްކަތް ފެށުމާ ގުޅިގެން ނެވެ. ބަންޑާރަ ނާއިބް އަޙުމަދު އުޝާމް ވަނީ ސަރުކާރުން ކުރަމުންދާ ކަމަކީ ވަށާ ޖެހޭ މުހިންމު އިސްލާޙި މަސައްކަތެއްގެ ބައެއް ކަމުގައި ވިދާޅުވެފައެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި އިޞްލާޙުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަން އެންމެންވެސް ޤަބޫލުކުރާކަން ފާހަގަކުރައްވައި، ބަންޑާރަ ނާއިބް ވަނީ ސަރުކާރުން ގެންގުޅުއްވާ އިސްލާޙީ އިސްނުމުގެ މައުލޫމާތު ދެއްވާފައެވެ.

އެގޮތުން، ޤާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުންވަނީ ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ،
1. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި އެކުގައި ބޭއްވުން.
2. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމެވެ.
މި އިސްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ އިސްލާޙުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ އެއީ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ލާޒިމްކުރާ ކަމަކަށްވާތީ ކަމަށް އުޝާމު ވިދާޅުވިއެވެ. ބަންޑާރަނައިބު ވިދާޅުވި ގޮތުގައި، ދެން ހުރި އިސްލާޙުތަކަކީ އެ ކަންކަން ފާސްކޮށް ޢަމަލުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭނުންވާ ކަންކަމެއް ނޫން ކަމަށެވެ.
އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓު މިވަގުތު ކުރިއަށް ގެންދަން ނިންމި އެންމެ ބޮޑު ސަބަބާ ބެހޭ ގޮތުންވެސް ތަފްސީޯލު ދެއްވިއެވެ.
"ލޯކަލް ކައުންސިލް އިންތިޚާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، މި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް. މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ." އެކްސްގައި އުޝާމު ވިދާޅުވިއެވެ.
ސަރުކާރުން ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އެހެނިހެން އިޞްލާޙުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމުގެ ޔަޤީންކަން ބަންޑާރަނައިބު ވަނީ ދެއްވާފައެވެ. "ޤާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ. މިހާރު ހިނގަމުންދަނީ މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް." އުޝާމު ވިދާޅުވިއެވެ.



