ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން ޢަމަލުކޮށްފައި ވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން: ބަންޑާރަ ނާއިބް

ދިވެހިރާއްޖޭގައި 4 އެޕްރީލް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ޤާނޫނުން ތަސައްވުރުކުރާ އިޖުރާއާތާ ގުޅޭގޮތުން ޢާންމު ރައްޔިތުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިގެން ބަންޑާރަ ނާއިބްގެ އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ކުރިއަށްދާނެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ޤާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން 10 ފެބުރުވަރީ 2026 ގައި ފާސްކޮށްފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓެއް" ކަމަށް ބަންޑާރަ ނާއިބްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ބެހޭ ތަފްސީލު ދެއްވަމުން ބަންޑާރަ ނާއިބްގެ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ:

އެ ބިލަކީ، ދެ މަޤުޞަދެއް ޙާޞިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށާއި އެ ބިލުގެ "ފުރަތަމަ މަޤުޞަދަކީ، ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމެވެ.
އަދި ދެވަނަ މަޤްޞަދަކީ، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު 5 އަހަރު ދުވަހަށް ވުރެ ކުރުކުރުން" ކަމަށެވެ.

ގާނޫނުއަސާސީއަށް ގެންނަ މި އިސްލާޙާ މެދު ރައްޔިތުންގެ ވޯޓަށް އަހާ ސަބަބުވެސް މި ބަޔާނުގައި ބަޔާން ކޮށްދީފައި ވެއެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާޙުތަކުގެ ތެރޭން ރައްޔިތުންގެ ވޯޓަށް އެހުމަކާ ނުލައި ތަސްދީޤު ކުރާ އިސްލާޙުތަކާއި ރައްޔިތުންގެ ގާތު ވޯޓަށް އަހައިގެން ތަސްދީޤު ކުރާ އިސްލާޙުތައް ހިމެނެއެވެ.

  • ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ބުނެފައިވާ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީޤުކުރުމުންނެވެ. 
  • އަދި ރައްޔިތުންގެ ވޯޓަށް އަހާ އިސްލާޙުތަކަކީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިޞްލާޙުކުރާނަމަ އެވެ. އެ ފަދަ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރަންވާނީ، އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން އެ އިޞްލާޙެއް ގެނައުމަށް ފެންނަކަމުގައި ނިންމައިފިނަމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ވަނީ މާއްދާ 79 ގައެވެ. މިހާރު ހުށަހަޅާފައިވާ ބަދަލުގެ ސަބަބުން މިހާރު ދައުރު ގުނަމުންދާ މަޖިލީހުގެ އުމުރުން 6 މަސް ދުވަހުގެ މުއްދަތު ކުރުވެގެން ދާނެއެވެ. އެހެންވެ، މަޖިލީހުގެ އުމުރާ ގުޅޭ ބަދަލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ މާއްދާއަކަށް ވާތީ އެކަން ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން ބޭނުން ވެއެވެ. އަދި އެކަން ތަސްދީގުވެގެންދާނީ ރައްޔިތުން އެކަމަށް އާނބަސް ބުނުމުންނެވެ.

"ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކުރުމަށްޓަކައި، އިސްލާޙުކުރެވޭ މާއްދާއަކީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކޮށް ޢަމަލުކުރަން ފެށޭނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީޤުކުރަން ފެންނަނަމައެވެ." ބަންޑާރަ ނާއިބްގެ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ފަދަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގައި ކަން ކުރަން ޖެހޭ އިޖުރާއާތު ބަޔާން ކޮށްފައިވާ ގާނޫނަކީ ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) އެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ޙާލަތްތަކުގައި؛

  • ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ޤަރާރަކުން އެކަން ކަނޑައަޅަންވާނެ ކަމަށާއި؛
  • އެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަ ނުވަތަ ސުވާލުގެ ފުރިހަމަ ޢިބާރާތް ހިމަނަން ވާނެ ކަމަށާއި؛
  • އެ މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު؛
  • ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ވެސް ހިމަނަންވާނެކަމަށެވެ.

ޤާނޫނުން ލާޒިމު ކުރާ މި އިޖުރާއާތު ރައީސުލްޖުމްހޫރިއްޔާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

  • ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2026 ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤަރާރު، ނެރުއްވާފައި ވަނީ 16 ފެބްރުވަރީ 2026 ގައެވެ.
  • އެ ޤަރާރުގައި ސުއާލުވެސް ހިމަނުއްވާފައި ވެއެވެ. އޭގައި ވަނީ:

"ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިފަދައިންނެވެ.

މިކަން މިހާއި ސާފު ކޮށް އިރުވެސް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ މިކަން ގެންގޮސްފައިވާ ގޮތާ މެދު ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ފަތުރަމުންނެވެ.

އެހެންވެ، ބަންޑާރަ ނާއިބްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމަށާއި؛
ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ޤާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިޞްލާޙުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށް ތަޢާރަފުކުރާ އުޞޫލަށް ޢަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލެއް ކަމަށާއި އެހެން ވުމުން، ޤާނޫނުއަސާސީއިން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުޠު ފުރިހަމަވީކަމަށް ބެލެވޭ ކަމަށެވެ.

އަދި މިކަން މިނޫންގޮތަކަށް މާނަކުރުމަކީ ޤާނޫނީ އަދި ދުސްތޫރީ އުޞޫލުތަކާ ތައާރަޞްވާނެ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް ޢަމަލުކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބަނޑާރަ ނާއިބްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!