ޣާޒީ ބިލްޑިންގް ހުރި ބިމުގައި ހިތްފަސޭހަ ޕާކެއް ތަރައްގީކުރަން ފަށައިފި

މާލޭގެ އަމީނީމަގުގައި ކުރިން ޣާޒީ ބިލްޑިންގް ހުރި ބިމުގައި ހިތްފަސޭހަ ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެ ބިމުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް މިހާރު ވަނީ ނަގައި، ބިން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައެވެ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވީ، މާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ވަޒީރު ވަނީ މި މަސައްކަތް ކުރުމަށް ރާވާފައިވާ ގޮތުގެ ކުރެހުމެއްވެސް އާންމުކުރައްވާފައެވެ. އެ ކުރެހުންތަކުން ފެންނަ ގޮތުގައި، މި ޕާކު ފަރުމާކޮށްފައިވަނީ ގިނަ އަދަދެއްގެ ގަސްގަހާގެއްސާއެކު މީހުންނަށް އިށީނދެލައިގެން ތިބެވޭނެ ފަދަ ހިތްގައިމު މާހައުލެއްގެ ގޮތުގައެވެ. މިއީ މާލޭގެ މަލަމައްޗަށް އިތުރުކުރެވޭ ހިތްގައިމު ތަނަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޣާޒީ ބިލްޑިންގަކީ ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުގެ ސަބަބުން 2023 ވަނަ އަހަރު ތަޅާލި އިމާރާތެކެވެ. އެ އިމާރާތް ތަޅާލުމަށްފަހު، މިހާތަނަށް އެ ބިން ބޭނުންކުރަމުން އައީ ސައިކަލު ޕާކުކުރާ ޒޯނެއްގެ ގޮތުގައެވެ.

އެއީ އެޗް ބެރިން ރާއްޖޭގައި ބިނާކުރި ފުރަތަމަ 3 އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ.

ސަރުކާރުގެ އަމާޒަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ ފެހި ބިންތައް އިތުރުކުރުމެވެ. މި ޕާކު ނިމުމުން އެ ސަރަހައްދަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!