އެކަށީގެންވާ މަޝްވަރާ ނެތި ކަންކަން ކުރާ ކަމަށް ބުނާ ވާހަކަ އޭޖީ އުޝާމް ދޮގުކުރައްވައިފި

"އެކަށީގެންވާ މަޝްވަރާއެއް ނެތި ކުރެވޭ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ. ބެލެވެނީ ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކުރެވި ރައްޔިތުންނަށް މައުލޫމާތު ދެވިގެން ކުރެވޭ ކަމެއް ކަމަށް،" ބަންޑާރަނައިބު އަޙުމަދު އުޝާމް

ގާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާހާ މެދު ސަރުކާރުން ކަންކަން ކުރަނީ އެކަށީގެންވާ ވަރަށް ދިރާސާ ނުކޮށް އަދި މަޝްވަރާ ނުކޮށް ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ބަންޑާރަނައިބު އަހުމަދު އުޝާމް ރައްދު ދެއްވައިފިއެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، ސަރުކާރުން ކަންކަން ނިންމަނީ އެކަށީގެންވާ މިންވަރަށް ދިރާސާކޮށް، މަޝްވަރާގެ އުސޫލުގެ ތެރެއިން ކަމަށެވެ.

އުޝާމް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީއަށް ހުށަހަޅާ 8 ވަނަ އިސްލާޙުގެ ބިލް ހުށަހެޅުމުން، މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ މަންދޫބުން ގިނަ ދުވަސްތަކެއް ވަންދެން ބަހުސްކޮށް، ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި ކޮމިޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވި އެވެ. އަދި އެކި ފަރާތްތަކަށް ކޮމެންޓު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލީހުން މި ބިލް ފާސްކުރުމަށްފަހު ވެސް، ރައްޔިތުން އެކަމަށް ހޭލުންތެރިކުރުވުމަށް 45 ދުވަހުގެ މުއްދަތެއް ލިބޭކަން އުޝާމް ފާހަގަކުރެއްވިއެވެ. އެގޮތުން އޭޕްރީލް 4 އާ ހަމައަށް މިކަމުގައި މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.

އުޝާމް ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން މި ބިލްގައި ހުރި ރަނގަޅު ކަންކަމާއި ގޯސް ކަންކަން ރައްޔިތުންނަށް ސާފުކޮށްދީ، އޮޅުން ފިލުވައިދިނުމަކީ އެ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ފަހު ރައްޔިތުންނަށް ފެންނަ ގޮތެއް ނިންމުމުން އެ ނިމުނީ ކަމަށްވެސް ބަންޑާރަ ނާއިބް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!