ފެންނަ ނުފެންނަ ވޯޓުގެ ސުވާލު އޮތީ ގާނޫނުއަސާސީއާ އެއްގޮތަށް: އުޝާމް

ގާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާޙުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ:

"ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

ޤާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިޞްލާޙާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ޤާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިއުތިރާޟްތަކަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ރައްދު ދެއްވައިފިއެވެ. އުޝާމް ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންގެ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

މި ވޯޓުގައި އަހާ ސުވާލަކީ: "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިއެވެ.

އުޝާމް ފާހަގަކުރެއްވި ގޮތުގައި މި ސުވާލުން 8 ވަނަ އިޞްލާޙު ގެނައުމުގެ މަޤްޞަދާއި، ދެ އިންތިޚާބު އެކުގައި ބޭއްވުމާއި، މަޖިލީހުގެ ދައުރު ގުނާ އުޞޫލަށް ބަދަލު ގެންނަކަން ވަރަށް ސާފުކޮށް އެނގެން އޮވެއެވެ.

"ފުރަތަމަ ކަމަކަށް ދެ އިންތިޚާބު އެކުގައި ބޭއްވުންކަން މިކަންވެސް ވަރަށް ސާފު. ދެވަނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނަމުންދާ އުސޫލު ބަދަލު ކުރަން (އަހާކަންވެސް) އެ ވެސް މިސުއާލުން ވަރަށް ސާފު." އުޝާމް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ގާނޫނުއަސާސީ އިސްލާޙު ކުރާއިރު ތިން ކަމެއް އިސްލާޙު ކުރާނަމަ އެކަމުގައު ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ. އެއީ އަސާސީ ޙައްޤުތަކުގެ ބަޔަށް ބަދަލު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރާ ބެހޭ 79 ވަނަ މާއްދާގެ (ހ)އަށް ބަދަލު ގެނައުމާއި، ރިޔާސީ ދައުރާ ގުޅޭ 107 އަދި 108 ވަނަ މާއްދާތަކަށް ބަދަލު ގެނައުމެވެ.

އުޝާމް ވިދާޅުވީ މިހާރު ގެންނަ އިޞްލާޙަކީ މަޖިލީހުގެ ޢުމުރާ ބެހޭ 79 ވަނަ މާއްދާއަށް ގެންނަ ބަދަލަކަށްވާތީ، ރައްޔިތުންގެ ރުހުން ހޯދަން ވޯޓަކަށް ދާންޖެހޭ ކަމަށެވެ. އަދި އުޝާމް ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބިލް އިދިކޮޅު ފަރާތްތަކުން ދިރާސާ ކުރުމަށްވެސް ގޮވާލައްވާފައެވެ. އެ ބިލާ މެދު ތަފްސީލު ދެއްވަމުން ވިދާޅިއެވެ.

"މަޖިލީހުން ފާސްކުރި ބިލުގައި މި އޮތީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާ އިސްލާހުކޮށްފައި. ކުރިން އޮތް 79 ވަނަ މާއްދާ އެއްކޮށް ބަދަލުކޮށް، މަޖިލީހުގެ އުމުރަކީ 5 އަހަރު ކަމަށާއި އުމުރު ގުނަން ފަށާނީ 1 ޑިސެމްބަރުން ކަމަށް މިހާރު އޮންނާނެ. އެހެންވީމާ ގާނޫނުއަސާސީގައި ބުނާ ޝަރުތު ފުރިހަމަވާ ގޮތަށް ސުވާލު އެވަނީ ފަރުމާކޮށްފައި،" އުޝާމް ވިދާޅުވިއެވެ.

އިތުރަށް އުޝާމް ފާހަގަކުރެއްވި ގޮތުގައި، ފެންނަ ނުފެންނަ ވޯޓެއްގައި އަހަންޖެހޭ ސުވާލު އޮންނަންވީ ޚާއްސަ ވަކި ގޮތެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް މިފަދަ ވޯޓުތައް ނެގުމުގެ އިޖުރާއާތުތައް "ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު 15/2025) ގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގާނޫނުގައި ބުނެފައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ޙާލަތްތަކުގައި؛

  • ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ޤަރާރަކުން އެކަން ކަނޑައަޅަންވާނެ ކަމަށާއި؛
  • އެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަ ނުވަތަ ސުވާލުގެ ފުރިހަމަ ޢިބާރާތް ހިމަނަން ވާނެ ކަމަށާއި؛
  • އެ މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު؛
  • ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ވެސް ހިމަނަންވާނެކަމަށެވެ.

ޤާނޫނުން ލާޒިމު ކުރާ މި އިޖުރާއާތު ރައީސުލްޖުމްހޫރިއްޔާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!