މިއީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫން: އުޝާމް

"މި ބަދަލަކީ ރާއްޖޭގެ އިންތިޚާބުގެ އޮނިގަނޑަށް ގެނެވޭ ބަދަލެއް ކަމަށް ގަބޫލުކުރެވެނީ،" ބަންޑާރަ ނައިބް އުޝާމް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ ބަދަލަކީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫން ކަމަށާއި، މިއީ އިންތިޚާބީ އޮނިގަނޑަށް ގެނެވޭ އިސްލާހެއް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ގައި ވާހަކަ ދައްކަވަމުން، އުޝާމް ވިދާޅުވީ މި ބަދަލު ގެނައި ކަމުގައި ވީނަމަވެސް، ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި މި ބަދަލުގެ ސަބަބުން ރައްޔިތުންގެ ވޯޓުން ރައީސަކު ހޮވުމާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ހޮވުމުގެ އަސާސީ އުސޫލަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

"މި ބަދަލަކީ ރާއްޖޭގެ އިންތިޚާބުގެ އޮނިގަނޑަށް ގެނެވޭ ބަދަލެއް ކަމަށް ގަބޫލުކުރެވެނީ،" އުޝާމް ވިދާޅުވިއެވެ. މީގެ އިތުރުން މި ބަދަލުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބަންޑާރަ ނާއިބް ވިދާޅުވިއެވެ.

އިގްތިސާދީ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން އުޝާމް ވިދާޅުވީ، ރާއްޖޭގެ 200 އެއްހައި ރަށުގައި ވޯޓު ފޮށި ބަހައްޓައިގެން ބާއްވާ ކޮންމެ އިންތިޚާބަކަށް ގާތްގަނޑަކަށް 100 އެތައް މިލިއަން ރުފިޔާއެއް ޚަރަދުވާ ކަމަށެވެ. އެހެންކަމުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އާންމުކޮށް ރިޔާސީ އިންތިޚާބަށްވުރެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދުވި ނަމަވެސް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބެއްވުމުން ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ އަދި އިޖުތިމާއީ ގޮތުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އުޝާމް ވިދާޅުވީ، ރާއްޖޭގައި އަބަދުވެސް އޮންނަ ސިޔާސީ ހަލަބޮލިކަމާއި "ކެމްޕޭން މޯޑު" ނިމުމަކަށް އަންނާނެ ކަމަށެވެ.

ވޭތުވެދިޔަ 15 އަހަރު ފެނިގެންދިޔައީ ރިޔާސީ އިންތިޚާބުން ބަލިވާ ޕާޓީތަކަށް އެ ފަރާތްތައް ބަލިވި ސަބަބު މުރާޖައާ ކޮށްލުމުގެ ފުރުސަތެއް ނުލިބި އަނެއްކާވެސް މަޖިލިސް އިންތިޚާބާ ކުރިމަތިލާން ޖެހޭތަން ކަމަށާއި، އޭގެ ސަބަބުން އަބަދުވެސް ވެރިކަން ކުރާ ޕާޓީއަށް މަޖިލިސް އަޣުލަބިއްޔަތު ލިބޭ ތަން ފެންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްލާހު ރައްޔިތުން ފާސްކޮށްފިނަމަ، ދެން އަންނަ މަޖިލީހުގެ ދައުރު ގުނަން ފަށާނީ 1 ޑިސެމްބަރު 2028 އިން ފެށިގެންނެވެ.

އަދި 2028 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވާނީ އެއް ދުވަހެއްގައެވެ. މި ބަދަލާ ގުޅިގެން އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް އިސްލާޙު އަންނާނެ ކަމަށާއި އެކަމަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެކަމުގައި އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!