ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، މިސްރުގެ ކަރަންޓު ގްރިޑަށް ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އެ ގައުމުގެ ބޮޑުވަޒީރު މުސްތަފާ މަދްބޫލީ އިއުލާން ކުރައްވައިފިއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ވިޔަފާރިތައް އަވަހަށް ބަންދުކުރުމާއި، ސަރުކާރުގެ ބައެއް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.
ބޮޑުވަޒީރު މަދްބޫލީ ކެބިނެޓް ބްރީފިންއެއްގައި ވިދާޅުވި ގޮތުގައި، މާޗް 28 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ފިހާރަތަކާއި، މޯލްތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރުން ކެފޭތައް ރޭގަނޑު 9:00 ޖަހާއިރު ބަންދުކުރަން ޖެހޭނެއެވެ. ނަމަވެސް ހުކުރު އަދި ހޮނިހިރު ދުވަހު މި ވަގުތު ރޭގަނޑު 10:00 އާ ހަމައަށް އިތުރުކޮށްދީފައިވެއެވެ.
ކަރަންޓު އިގްތިސާދު ކުރުމުގެ ގޮތުން މަގުތަކުގައި ދިއްލާފައި ހުންނަ ބައްތިތައް އެންމެ މަދު މިންވަރަކަށް ބޭނުންކުރުމަށާއި، މަގުތަކުގެ އަރިމަތީގައި ހުންނަ ހުރިހާ އިޝްތިހާރު ބޯޑުތަކުގެ ބައްތިތައް ނިއްވާލުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ފިތުރު އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހަވީރު 6:00 ގައި ބަންދުކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބައެއް މުވައްޒަފުން ހަފުތާއަކު އެއް ދުވަސް ނުވަތަ ދެ ދުވަހު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމަށް ވެސް ދަނީ ދިރާސާ ކުރަމުންނެވެ. ނަމަވެސް، މެދުނުކެނޑި ޚިދުމަތް ދޭންޖެހޭ މުހިންމު ދާއިރާތަކުގެ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެއެވެ.
މި ފިޔަވަޅުތައް އަޅަން ޖެހުނީ އެމެރިކާ އާއި އިސްރާއީލުން މެދުއިރުމަތީގައި ކުރިއަށް ގެންދާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން މިސްރުގެ ހަކަތައިގެ ނިޒާމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މި ނިންމުންތައް ތަންފީޒުކުރުމަށް ވަޒީރުންނާއި ގަވަރުނަރުންނަށް ބޮޑުވަޒީރު ވަނީ އަންގަވާފައެވެ.







