މިޞްރުގެ ރައީސް ސީސީ ސައުދީ އަރަބިއްޔާއަށް ހިނދުކޮޅަކަށް ވަޑައިގެންފި

މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީ، ގަލްފު ސަރަޙައްދުގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ސައުދީ އަރަބިއްޔާއަށް ހިނދުކޮޅަކަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ސަރަޙައްދީ ހަނގުރާމައިގެ މަސްރަޙާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށާއި، ގަލްފުގެ ޤައުމުތަކާއެކު މިޞްރު އޮތްކަން ހާމަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ސީސީ ސައުދީއަށް ވަޑައިގެންފައިވަނީ ބަޙްރައިނަށް ކުރެއްވި ކުރު ދަތުރުފުޅަކަށް ފަހުގައެވެ. ބަޙްރައިންގެ ވެރިރަށް މަނާމާގައި އެޤައުމުގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާއާ ބައްދަލުކުރައްވައި، ސަރަޙައްދީ ސަލާމަތާ ގުޅޭ މުހިންމު ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އީރާނުން ގަލްފުގެ ޤައުމުތަކަށާއި އުރުދުންއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2817 އަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި އީރާނުގެ ނުރައްކާތަކުން ދިފާޢުވުމަށް ގަލްފުގެ ޤައުމުތަކާއި އުރުދުންއަށް ލިބިގެންވާ ޙައްޤު ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ބަޙްރައިންގެ ރަސްގެފާނު ވަނީ އެޤައުމުގެ އިސްތިޤްލާލާއި ސަލާމަތްތެރިކަން ދިފާޢުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް މިޞްރުން ދޭ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ރައީސް ސީސީއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސީސީ ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައި ބޯޓު ޖެއްސުމަށްފަހު އިންޖީނު ނިއްވާ ނުލަނީސް އަނެއްކާ ދަތުރު ފެށްޓެވިއެވެ. ހިނދުކޮޅަކަށް ޖިއްދާއަށް ފައިބައި ވަޑައިގެން ވަލީ އަހުދާ ބައްދަލު ކުރެއްވިއެވެ.

ބުނެވޭ ގޮތުގައި ސީސީގެ ދަތުރަކީ އީދު ޚުތުބާގައި އާލުބައިތުންނަށް ތައުރީފުކޮށް ވާހަކަ ދެއްކުމުން ސައޫދީ ފަރާތްތަކުން އެކަމާ މެދު ޗައްކުގެ ނަޒަރަކުން ބަލައި މިސްރުން އީރާނަށް ތާއީދު ކުރަނީތޯ އަހަން ފެށުމުން ކުރެއްވި ދަތުރުފުޅެކެވެ.

ހިއްސާ ކުރައްވާ!