ޝިންޖިއާން އަދި ޓިބެޓުގައި ހިންގާ ޕްރޮގްރާމްތަކަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް: އދ

ޗައިނާގެ ޝިންޖިއާން އާއި ޓިބެޓުގައި ހިންގާ މަޖުބޫރުން މަސައްކަތް ކުރުވުމުގެ ސިޔާސަތުތަކަކީ އަޅުވެތިކުރުމާއި މަޖުބޫރުން މީހުން ބަދަލުކުރުން ކަމަށް ބެލެވޭނެ ކަމެއް ކަމަށާއި، މިއީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަކަށް ވެދާނެ ކަމަށް އދ. ގެ މާހިރުން އިންޒާރު ދީފިއެވެ. މިއީ މިހާތަނަށް ބައިނަލްއަގުވާމީ ފެންވަރުގައި ޗައިނާގެ މި ސިޔާސަތުތަކާ ދެކޮޅަށް ނެރުނު އެންމެ ވަރުގަދަ އެއް ބަޔާނެވެ.

އދ. ގެ 6 މާހިރަކު ގުޅިގެން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އުއިގޫރު މީހުންނާއި، ކަޒާކު މީހުންނާއި، ކިރްގިޒު މީހުން އަދި ޓިބެޓުގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ މި މަސައްކަތުގެ ސްކީމްތަކަކީ މަޖުބޫރުކުރުމުގެ ސިފަ އެކުލެވޭ ކަންކަމެވެ. މި ހޯދުންތަކަކީ ޗައިނާ ސަރުކާރުން މިކަމާ ގުޅޭގޮތުން ދައްކަމުން އައި ވާހަކަތަކަށް ލިބުނު ބޮޑު ގޮންޖެހުމެކެވެ. އަދި ޗައިނާގެ ހަރުކަށި ފާރަވެރިކަމުގެ ތެރެއިން ވެސް މި ޚަބަރުތައް މިހާރު ދަނީ ޓިބެޓުގެ ތެރޭގައި ފެތުރެމުންނެވެ.

މާހިރުން ވިދާޅުވާ ގޮތުގައި، ޗައިނާގެ "ފަގީރުކަން ނައްތާލުމަށް މަސައްކަތަށް ބަދަލުކުރުން" ގެ ނަމުގައި ހިންގާ ޕްރޮގްރާމްތަކަކީ އެކަމަށް އިންކާރު ކުރުމުގެ ފުރުސަތު ނެތް ގޮތަށް ފަރުމާކޮށްފައިވާ ކަންކަމެވެ.

  • ޝިންޖިއާންގައި އެކަނިވެސް 13.75 މިލިއަން މީހުން މަސައްކަތަށް ބަދަލުކުރުމަށް ރާވާފައިވޭ
  • މިއީ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމެއް ކަމަށް ބުނާ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އދ. އިން ބުނޭ.
  • ޓިބެޓުގައި 2024 ވަނަ އަހަރު 650،000 މީހުން މިފަދައިން މަސައްކަތްތަކަށް ބަދަލުކޮށްފައިވާއިރު، މުޅި އަވަށްތައް ވަނީ އަސްކަރީ ތަމްރީނުތަކާއި އެހެން ތަންތަނަށް ބަދަލުވުމަށް މަޖުބޫރުކޮށްފަ: (އދގެ ތަޖުރިބާކާރުން)

މި ސިޔާސަތުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގެ މީހުންގެ ސަގާފީ ދިރިއުޅުމާއި، ބަހާއި، ދީނީ އާދަކާދަތައް ނެތިގެންދާ ކަމަށް އދ. އިން ބުނެއެވެ. މިއީ ނިޒާމީ ގޮތަކަށް މުޖުތަމައު އަލުން ބައްޓަންކުރުމަށް ހިންގާ ހަރަކާތެއްގެ ގޮތުގައި އޮބްޒާވަރުން ސިފަކުރެއެވެ.

މީގެ އިތުރުން، މިފަދަ މަޖުބޫރު މަސައްކަތުން އުފައްދާ ތަކެތި ބައިނަލްއަގުވާމީ ބާޒާރުތަކަށް ވަންނަމުންދާތީ، ކުންފުނިތަކުން އެކަމަށް ސަމާލުވުމަށް އދ. ގެ މާހިރުން ވަނީ ގޮވާލާފައެވެ. އަދި މިކަންކަން މިނިވަންކަމާއެކު ތަހުގީގު ކުރުމަށް އދ. ގެ މޮނިޓަރުންނަށް ޗައިނާއަށް ވަނުމުގެ ހުއްދަ ދިނުމަށް ތަކުރާރުކޮށް ވަނީ އެދިފައެވެ. ނަމަވެސް ޗައިނާއިން މިހާތަނަށް ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

މި ބަޔާނަކީ ބައިނަލްއަގުވާމީ މަސްރަހުގައި މި މައްސަލައަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ޗައިނާ ސަރުކާރުން މިފަދަ ތުހުމަތުތަކަކީ "ހުޅަނގުގެ ޕްރޮޕެގެންޑާ" ކަމަށް ބުނެ ދޮގުކުރި ނަމަވެސް، އދ. ގެ މި ހޯދުންތަކާއެކު މި ތުހުމަތުތަކަށް މިހާރު ވަނީ ބައިނަލްއަގުވާމީ ގޮތުން ބޮޑު ބުރަދަނެއް ލިބިފައެވެ.

ހިއްސާ ކުރައްވާ!