ވިލިމާލޭގައި ބިންގާއެޅި 300 ޔުނިޓާއެކު ބީއެމްއެލްގެ 3260 ޔުނިޓްގެ މަސައްކަތް ކުރިއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ބިންގާ ރޭ ރަސްމީކޮށް އަޅައިފިއެވެ. ވިލިމާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހައުސިން މިނިސްޓަރު ޢަބްދުﷲ މުއްތަލިބާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް އަދި މަސައްކަތާ ހަވާލުވި އާރުސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއްގެ ބައެކެވެ. މި މަޝްރޫޢަށް ބީއެމްއެލުން ފައިނޭންސް ކުރާއިރު، މަސައްކަތުގެ ކޮންޓްރެކްޓަރަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އެވެ.

ބީއެމްއެލުން މަޢުލޫމާތު ދޭ ގޮތުގައި ވިލިމާލޭގައި ތަރައްޤީކުރާ މި 300 ހައުސިން ޔުނިޓް ހިމެނޭނީ 17 ފަންގިފިލާގެ ތިން ޓަވަރުގެ މައްޗަށެވެ. މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2028 ވަނަ އަހަރުގެ މެދުތެރޭގައެވެ.

މިއީ ރައީސް މައުމޫންގެ ވެރިކަމަށްފަހު ވިލިމާލޭގައި މިފަދަ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެއް ހިންގާ ފުރަތަމަ ފަހަރެވެ.
ރައީސް މުޢިއްޒު ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ އަވަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން 300 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ޖުމްލަ 3,260 ހައުސިން ޔުނިޓް އިމާރާތް ކުރާނެއެވެ.

  • އެއީ، ހުޅުމާލެ ފޭސް 3 ގައި ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން އަޅާ 1,224 ޔުނިޓު
    ޗައިނާގެ، ބީޔޫސީޖީއާ ހަވާލުކޮށްގެން އަޅާ 1,190 ޔުނިޓް
    ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަނުން އަޅާ 364 ހައުސިން ޔުނިޓް
    އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އަޅާ 182 ހައުސިން ޔުނިޓް އެވެ.
ހިއްސާ ކުރައްވާ!