ފަލަސްޠީނުގެ ހައްގަށް ވަކާލާތު ކުރައްވާ މެލޭޝިއާ ވަކީލަކު ސިންގަޕޫރަށް ވަނުން މަނާކޮށްފި

ފަލަސްޠީނުގެ ހައްގަށް ވަކާލާތު ކުރައްވާ މެލޭޝިއާގެ އިލްމީ ބޭފުޅެއް ކަމަށްވާ ފާދިއާ ނަދުވާ ފިކްރީ ސިންގަޕޫރަށް އެތެރެވުން ސިންގަޕޫރު ސަރުކާރުން މަނާކޮށްފިއެވެ. ސިންގަޕޫރުން ވަނީ އޭނާއަކީ "ބޭނުން ނުވާ މެހެމާނެއް" ކަމަށް ކަނޑައަޅައި، އެ ގައުމުގެ ޒުވާނުން "ހަރުކަށި ފިކުރުގެ" އުސޫލުތައް އިޚްތިޔާރުކުރުމަށް ހިތްވަރުދެއްވާ ފާދިއާ ނަދުވާ ފިކްރީ އަށް ތުހުމަތު ކޮށްފައި ވެއެވެ.

ސިންގަޕޫރުގެ ހޯމް މިނިސްޓްރީން ބުނި ގޮތުގައި، އޭނާ ވަނީ "މުޒާހަރާ ކުރުމުގެ އިންތަކުން ބޭރުވެ"، މުޖުތަމައު ހަލަބޮލިކޮށް، އަނިޔާވެރިކަމަށް މަގުފަހިވާ ފަދަ ގޮތްގޮތަށް މީހުން އެއްކުރުމަށް ޒުވާނުންނަށް ބާރުއަޅުއްވާފައެވެ.

ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރައްވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ފިކްރީ ވިދާޅުވި ގޮތުގައި، އޭނާ ސިންގަޕޫރަށް އެތެރެވުމުން އެއާޕޯޓުން ހިފަހައްޓައި، އޭނާއަށް ހުރަސް އަޅައި އަނބުރާ މެލޭޝިއާއަށް ފޮނުވާލާފައިވާ ކަމަށެވެ. އޭނާ ލިޔެފައިވާ ގޮތުގައި، ސިންގަޕޫރުގައި ފަސް އަހަރު ދިރިއުޅެ، ދާދި ފަހުން ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުން ޑޮކްޓަރޭޓް ހާސިލްކޮށްފައިވީ ނަމަވެސް، ސިންގަޕޫރުން އެގޮތަށް ނިންމި ސަބަބު ސާފުކޮށްދިނުމަށް އޮފިޝަލުން ވަނީ އިންކާރުކޮށްފައެވެ.

އޭނާ ވިދާޅުވީ މިއީ އިސްތިއުމާރީ ނުފޫޒުން ސަލާމަތްވުމާއި އަދި އިސްތިއުމާރާ ދެކޮޅަށް އޭނާ ކުރައްވާ އިލްމީ މަސައްކަތްތަކަށް ދިން ހަމަލާއެކެވެ.

ސިންގަޕޫރުން ބުނެފައިވަނީ، ބޭރު ގައުމުތަކުގެ މީހުން އެ ގައުމުގެ ދާޚިލީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމާއި ނުވަތަ ގާނޫނާ ޚިލާފު މުޒާހަރާގެ އުސޫލުތަކަށް ހިތްވަރުދިނުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!