ޖަރުމަނު ލީގު ނުވަތަ ބުންޑެސްލީގާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފިރިހެން ޓީމެއްގެ ހެޑް ކޯޗެއްގެ މަގާމު އަންހެނަކަށް ދީ، ފުޓްބޯޅައިގެ ތާރީޚުން އާ ސޮފުހާއެއް ލިޔެފިއެވެ. މި ތާރީޚީ ބަދަލު ގެނެސްފައިވަނީ ޖަރުމަނުގެ ޔޫނިއަން ބާލިންއިންނެވެ. އެ ކްލަބުން ވަނީ ކުރިން ހެޑް ކޯޗުގެ މަގާމުގައި ހުރި ޝްޓެފަން ބައުމްގާޓް މަގާމުން ވަކިކޮށް، ވަގުތީ ގޮތުން ޓީމުގެ ހެޑް ކޯޗުކަން މާރީ ލުއީޒް އީޓާއާ ހަވާލުކޮށްފައެވެ.
އުމުރުން 34 އަހަރުގެ އީޓާއަކީ މީގެ ކުރިން އެ ކްލަބުގެ 19 އަހަރުން ދަށުގެ ޓީމުގައި މަސައްކަތް ކުރަމުން އައި ކޯޗެކެވެ. މި ނިންމުމާއެކު އޭނާ ވެފައިވަނީ ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ލީގެއްގެ ފިރިހެން ޓީމަކާ ހަވާލުވި ފުރަތަމަ އަންހެން ކޯޗަށެވެ. މިއީ ލީގުގެ ފުލުގައި އޮތް ޔޫނިއަން ބާލިން ރެލިގޭޝަނުން ސަލާމަތް ކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
ޔޫނިއަން ބާލިންގެ ހާލަތު މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ކްލަބުގެ އެގްޒެކެޓިވް ޑިރެކްޓަރު ހޯސްޓް ހިލްޑްޓް ވިދާޅުވި ގޮތުގައި ސީޒަނުގެ ފަހުބައިގައި ޓީމުގެ ނަތީޖާތައް ހުރީ ވަރަށް މާޔޫސްވާ ފަދަ ގޮތަކަށެވެ. ފިނި މޫސުމުގެ ބަންދަށްފަހު ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމަށް މޮޅެއް ލިބިފައި ވަނީ އެންމެ ދެ މެޗުންނެވެ. މި ނަތީޖާތަކާ ގުޅިގެން މެނޭޖްމަންޓުން ވަނީ ކޯޗިން ސްޓާފުން ބަދަލުކުރަން ނިންމާފައެވެ.
މި އުނދަގޫ ދަނޑިވަޅުގައި ޓީމާ ހަވާލުވުމަށްފަހު އީޓާ ބުނެފައިވަނީ، މި ޓީމާއެކު މުހިންމު ޕޮއިންޓްތަކެއް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އޭނާގެ އަމާޒަކީ ސީޒަނުގެ ބާކީ އޮތް މެޗުތަކުން ރަނގަޅު ނަތީޖާ ހޯދައި، ޓީމު ފުރަތަމަ ޑިވިޝަނުގައި ދެމެހެއްޓުމެވެ.
މިއީ އީޓާ ބުންޑެސްލީގާގެ ފިރިހެން ޓީމެއްގެ ބެންޗުން ފެންނަ ފުރަތަމަ ފަހަރެއް ނޫނެވެ. 2023-2024 ވަނަ އަހަރުގެ ސީޒަނުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. އަދި އޭރުގެ ކޯޗު ނިނާޑް ބެލިޓްސާ ސަސްޕެންޝަނުގައި ހުރި ދުވަސްވަރުވެސް އީޓާ ވަނީ ޓީމުގެ ކަންކަމުގައި އިސް ދައުރެއް އަދާކޮށްފައެވެ. މީޑިއާގެ ސަމާލުކަމާ ގުޅޭގޮތުން އޭނާ ބުނީ، "އަހަރެމެން މަސައްކަތް ކުރަނީ ބޭކާރު އަޑުތަކާ ދުރުވެ، ހަމައެކަނި ދަނޑުމަތީގެ މަސައްކަތަށް ސަމާލުކަން ދޭން" ކަމަށެވެ.
ކުޅުންތެރިއެއްގެ ގޮތުގައިވެސް އީޓާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ވަނީ ޖަރުމަނު ލީގު ތިން ފަހަރު ކާމިޔާބުކޮށް، ޓާބިން ޕޮޓްސްޑަމްއާއެކު ޔޫއެފާ ވުމަންސް ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭނާގެ ކޯޗިން ފަލްސަފާ ބިނާވެފައިވަނީ ބުރަ މަސައްކަތާއި ނަފްސާނީ ވަރުގަދަކަމުގެ މައްޗަށް ކަމަށް ބުނެއެވެ.


