ދެކުނު އިރުމަތީ އޭޝިއާގެ މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި 'އައި އެމް މޯލްޑިވްސް ރޯޑްޝޯ' ގެ ނަމުގައި ހާއްސަ ރޯޑް ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ. މި ރޯޑްޝޯއަކީ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވިޒިޓް މޯލްޑިވްސް އާއި މަޓާޓޯއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު، މިމަހުގެ 13 ވަނަ ދުވަހު ހޮންކޮންގްގައި އަދި މިމަހުގެ 15 ވަނަ ދުވަހު މެލޭޝިއާގެ ކުއާލަލަމްޕޫރުގައެވެ.
މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 20 ކުންފުންޏަކުން 50 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެއެވެ.
މީގެތެރޭގައި ގެސްޓްހައުސްތަކާއި، ރިސޯޓްތަކާއި، ހޮޓާތަކުގެ އިތުރުން ޓްރެވަލް އެޖެންސީތައް ހިމެނެއެވެ. އަދި މި ދެ ސިޓީން 120 އަށްވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުން މި ރޯޑްޝޯގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އެންއެޗްޖީއޭއެމްގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށުގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މާކެޓްތަކުގައި އިޝްތިހާރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ރޯޑްޝޯއަކީ މިއަހަރު ބައިނަލްއަގުވާމީ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެންއެޗްޖީއޭއެމްއިން ރާވާފައިވާ ގިނަ ހަރަކާތްތަކުގެ ފެށުމެއް ކަމަށާއި، މީގެ މައިގަނޑު މަގްސަދަކީ އޭޝިއާގެ މާކެޓްތަކުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވެސް ވަނީ ހޮންކޮންގް އަދި މެލޭޝިއާއަކީ ރާއްޖެއަށް މުހިންމު މާކެޓްތަކެއްކަން ފާހަގަކުރައްވާފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޗައިނާއިން ހޮންކޮންގްއާއެކު 706,033 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12.1 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ އިތުރުން މެލޭޝިއާ މާކެޓުން 25.2 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ފެނިފައި ވެއެވެ.
ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޖުމްލަ 72,128 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

