ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ހާފް މެރަތަންއެއްގައި ހިއުމަނޮއިޑް ރޮބޮޓްތަކެއް ބައިވެރިވެ، އިންސާނުންނަށްވުރެ މާ އަވަހަށް ރޭސް ނިންމައިފިއެވެ. ބެއިޖިން އީ ޓައުން ޑިސްޓްރިކްޓްގައި ބޭއްވި މި ހަރަކާތަކީ ޗައިނާގެ ރޮބޮޓިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން ހޯދަމުންދާ ބޮޑެތި ކުރިއެރުންތައް ދުނިޔެއަށް ދައްކާލުމަށް ބޭއްވި ރޭހެކެވެ. މި ރޭހުގައި ޗައިނާގެ އެކި ކުންފުނިތަކުންނާއި ރިސާޗް ޓީމުތަކުން އުފައްދާފައިވާ 100 އަށްވުރެ ގިނަ ރޮބޮޓް ބައިވެރިވިއެވެ.
މި ރޭހުން އެއްވަނަ ހޯދީ މަޝްހޫރު ސްމާޓްފޯން އުފައްދާ ކުންފުނި ކަމަށްވާ އޮނަރ އިން ތައްޔާރުކުރި ރޮބޮޓެވެ. މި ރޮބޮޓް 21 ކިލޯމީޓަރުގެ ރޭސް ނިންމާފައިވަނީ 50 މިނެޓާއި 26 ސިކުންތުންނެވެ. މިއީ މިއަހަރުގެ މާޗް މަހު ލިޒްބަންގައި އިންސާނަކު ހާފް މެރަތަންއެއްގައި ހަދާފައިވާ ދުނިޔޭގެ ރެކޯޑަށްވުރެ މާ ހަލުއި ރެކޯޑެކެވެ.
މި ނަތީޖާއިން ދައްކައިދެނީ އެންމެ އަހަރެއްގެ ތެރޭގައި ޗައިނާގެ ހިއުމަނޮއިޑް ރޮބޮޓިކްސް ދާއިރާއަށް އައިސްފައިވާ ބޮޑު ބަދަލެވެ. 2025 ވަނަ އަހަރު ބޭއްވި ފުރަތަމަ ރޭހުގައި ގިނަ ރޮބޮޓްތަކަށް ރޭސް ފުރިހަމަ ކުރެވުނީ އުނދަގުލުންނެވެ. އޭރު އެއްވަނަ ހޯދި ރޮބޮޓަށް ރޭސް ނިންމަން 2 ގަޑިއިރާއި 40 މިނެޓު ހޭދަވިއިރު، މިއަހަރުގެ ނަތީޖާއިން ފެނިގެންދިޔައީ ޓެކްނޮލޮޖީގެ ގޮތުން ހޯދާފައިވާ ބޮޑު ކުރިއެރުމެވެ.
އިންޖިނިއަރުން ފާހަގަކުރި ގޮތުގައި މިފަހަރުގެ ރޮބޮޓްތަކުގެ ބެލެންސް، ދުވެލި އަދި ކެތްތެރިކަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. "މިއީ އޭއައި މޯޝަން ކޮންޓްރޯލް، ސެންސަރުތަކުގެ ސައްހަކަން އަދި މެކޭނިކަލް ޑިޒައިނަށް ގެނެވުނު ބަދަލުތަކުގެ ނަތީޖާ" ކަމަށް އިންޖިނިއަރުން ބުނެފައިވެއެވެ. ޚާއްޞަކޮށް އޮނާރ ކުންފުނީގެ ރޮބޮޓްގައި ބޭނުންކޮށްފައިވާ ނާދިރު ޒާތުގެ ތެކްނޮލޮޖީގެ ސަބަބުން، ދުވާ މަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް އޭގެ ހަރަކާތްތައް ބަދަލުކުރުމުގެ ގާބިލްކަން ލިބިފައިވެއެވެ.
ބެއިޖިން އީ ޓައުން ހާފް މެރަތަން ކުރިއަށްދިޔައީ އިންސާނުންނާއި ރޮބޮޓުންނަށް ވަކި ދެ ޓްރެކެއްގައެވެ. މި ހަރަކާތަކީ ދުނިޔޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި އިންވެސްޓަރުންގެ ބޮޑު ސަމާލުކަމެއް ލިބުނު ކަމެކެވެ. މިއީ ކުރިއަށް އޮތް ޖީލުގެ ރޮބޮޓިކްސް ދާއިރާގައި ދުނިޔޭގެ ލީޑަރަކަށް ވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ހެއްކެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ.



